އައްޑޫ ސިޓީ ހަންކެޑެ އާއި ކ. ގާފަރު ފަޅޫ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހާއްސަކޮށް ތަރައްގީ ކުރަން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަކިވަކިން ނެރުއްވި ދެ ގަރާރުގައި ވިދާޅުވެފައިވަނީ މި ދެ ތަން ތަރައްގީ ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނަކީ ސަރުކާރުގެ100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.
ގަރާރު ރައީސް ނެރުއްވީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީ ކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައިވާތީއެވެ.
ހަންްކެޑެ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތް ކުރި ރަށެކެވެ. އެކަމަކު ގާފަރު ފަޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.
ގާފަރު ފަޅު ހިއްކައިގެން އެ ސަރަހައްދު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް