އޭސީސީގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އޭސީސީން ޔަގީންކޮށްދެއްވާފައިވާ އިރު، އަޝްރ...

02 Dec 2021 | 08:33

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އޭސީސީން ޔަގީންކޮށްދެއްވާފައިވާ އިރު، އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވައި ސިޓީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އަޝްރަފް ދެއްވާފައިމިވަނީ އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށް ވެސް މަސައްކަތް ނުކުރެވޭތީ މަސައްކަތް ނުކުރެވޭ މެމްބަރު ބަލައި، އޮޑިޓެއް ހެދުމަށްފަހު މަޤާމުން މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވުމުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.

އޭސީސީގައި މިހާރު ހިމެނޭ ފަސް މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ، މެމްބަރު އަލީ އަޝްރަފް، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭސީސީގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައިވާ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް