2022 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް މޯލްޑިވްސް ޕޮލިޓެކްނިކުން އިޢުލާންކޮށްފައިވާ ބައެއް ކޯސްތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައި އޮތީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތު މިހާރުވަނީ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އިތުރު ފަރާތްތަކުން ފާޅުކުރަމުންގެންދަވާތީ އާއި ވީހާވެސް ގިނަ ބަޔަކަށް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައިކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ބުނެއެވެ.
ޖަނަވަރީ އިންޓޭކަށް އެޕްލައިކުރުމަށް ޕޮލިޓެކްނިކުން ހުޅުވާލި ކޯސްތަކުގެ ތެރޭގައި އޮޓޮމޯޓިވް އެންޖިނިއަރިންގ، މެރިން އެންޖިނިއަރިންގ، ސިވިލް އެންޖިނިއަރިންގ، އާކިޓެކްޗަރ، ބިލްޑިންގ ކޮންސްޓްރަކްޝަން، މެޝިނިންގ، ވެލްޑިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، އައި.ޓީ، ކާޕެންޓްރީ އަދި ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ކޯސްތައް ހިމެނެ އެވެ.
ޕޮލިޓެކްނިކުން ހުޅުވާލާފައިވާ 40 ކޯހުގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ ފެންވަރުގެ 7 ކޯހަކާއި، އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ސެޓްފިކެޓް ލެވެލް ތިނެއްގެ 16 ކޯހަކާއި، ސެޓްފިކެޓް ލެވެލް 1 ގެ 1 ކޯހާއި ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ 7 ކޯހެކެވެ.
މީގެ ތެރެއިން ބައެއް ކޯސްތައް ހުޅުވާލާފައިވަނީ ޕޮލިޓެކްނިކްގެ ގދ. ގައްދޫ ކެމްޕަހާއި ގއ. ވިލިނގިލި ކެމްޕަސް އަދި އައްޑޫ ސިޓީ ކެމްޕަހަށެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯސްތަކެކެވެ. މިކޯސްތަކުގައި ބައިވެރިވުމަށް ދަރިވަރުން ކޯސްފީ ދައްކާކަށް ނުޖެހޭނެ އެވެ.
ޤައުމީ ތަރައްޤީއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުންގެންދާ މޯލްޑިވްސް ޕޮލިޓެކްނިކުން ގެންދަނީ، ސިނާޢީ އެކިއެކި ދާއިރާތަކަށް ބޭނުންވާ އިތުރު ކޯސްތައް ފަރުމާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކޯސްތަކުގެ ކިޔަވައިދިނުމުގެ ކަނަކަންއިތުރަށް ތަރައްޤީ ކުރަމުން ނެވެ.
ސްކޫލް ނިންމާ ދަރިވަރުންނަށާއި އެކި އެކި ވޮކޭޝަނަލް ދާއިރާތަކުގެ ވަޒީފާތަކަށް ބޭނުންވާ ހުނަރު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޕޮލިޓެކްނިކުން ހިންގާ ގިނަ ކޯސްތަކަކީ ސްޓެމް ދާއިރާތަކުގެ ކޯސްތަކެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ އެކިއެކި ކޯސްތައްވެސް ޕޮލިޓެކްނިކުން ދަނީ ހިންގަމުން ނެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ކޯސްތަކާ ބެހޭ މަޢުލޫމާތު އެ މަރުކަޒުގެ ވެބްސައިޓުންނާއި http://www.polytechnic.edu.mv ސޯޝަލް ނެޓްވަރކް ޕޭޖްތަކުން ލިބޭނެ އެވެ.
މީގެއިތުރުން ޕޮލިޓެކްނިކުގެ 3305 404 ނަންބަރު ފޯނާ ގުޅުއްވައިގެން ވެސް ކޯސްތަކުގެ މަޢުލޫމާތު ސާފުކުރެވޭނެ އެވެ. އަދި ޕޮލިޓެކްނިކްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ޕޮލިޓެކްނިކަށް ޒިޔާރަތްކޮށް ކޯސްތަކަށް އެޕްލައިކުރުމުގެ ފޯމު ފުރިހަމަކުރައްވައިގެން ވެސް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް