ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ 16 ދުވަހުގެ ކެމްޕެއިންގެ ދަށުން ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި އަހަރު ގެ 16 ދުވަހުގެ ކެމްޕެއިންގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ "އޮރެންޖް ދަ ވަރލްޑް: އެންޑް ވަޔަލަންސް އެގެއިންސްޓް ވިމެން ނައު" އެވެ.
މި މުބާރާތުގެ މަޤްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ގެ ތެރެއިން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާާއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް މި ފަދަ މައުލޫމާތު ފިލްމުގެ ޒަރިއްޔާއިން ދައްކުވައިދިނުމެވެ.
މި މުބާރާތަކީ އާންމުނަށް ހުޅުވާލައިގެން 16 ދުވަހުގެ ކެމްޕެއިންގެ މަޤްސަދަށް ބިނާކޮށް ގެވެށި އަނިޔާއާއި ގުޅޭ 5 ޝިއާރެއްގެ ދަށުން ކުރު ފިލްމް
ތައްޔާރުކުރުމަށް ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް 30 ފަރާތެއް ހޮވިގެންދާނެއެވެ.
އެގޮތުން ހޮވޭ 30 ފަރާތްތަކަށް ފަސް ޝިއާރުގެ ގެ ތެރެއިން އެއް ޝިއާރަށް ފިލްމު ހެދުމުގެ ފުރުސަތު ދެވޭނެއެވެ.
މިގޮތުން ފިލުމްތަކުގެ ދިގު މިނަކީ 15 މިނެޓާއި 30 މިނެޓާއި ދޭތެރެއެވެ. މި މުބާރާތަށް ބައިވެރިން ތައްޔާރުކުރުމަށްޓަކައި އެ ފަރާތްތަކަށް އަމާޒުކޮށްގެން 2 ދުވަހުގެ މަސައްކަތުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ މޮޅު ފިލްމަކަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ދެވަނަ އަށް ހޮވޭ ފިލްމަކަށް 7،500 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފިލްމަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 02 ޑިސެމްބަރު 2021 ގެ 15:00 އެވެ. ތިރީގައިވާ ލިންކް މެދުވެރިކޮށް
http://forms.office.com/r/5hwaAPw5kq ރަޖިސްޓްރީ ކުރެވޭނެ އެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ކެމްޕެއިންނަކީ، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަކީ ނިސްބަތުން އަންހެނުންނަށް ގިނައިން ލިބި، އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ މައްސަލައެއް ކަމުގައި ދެނެގަނެ އެކަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން 1991 ވަނަ އަހަރު އުފައްދާފައިވާ ކެމްޕެއިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް