މިމަހުގެ ކުރީކޮޅު 18 ކިލޯގެ ކޮކެއިން އާއިއެކު ރާއްޖެއައި ތަނުން އެއަރޕޯޓުން ހައްޔަރުކުރި ބްރެޒިލްގެ އަންހެންމީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ރާއްޖެއައި ތަނުން އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ބްރެޒިލްގެ ދެމީހުން ކަމުގައިވާ ކްރިސްޓިއާނޯ ސިލްވާ 28އ، ނައިރު ނޫނޭސް ޑިސޫޒާ 37އ އެވެ.
އެގޮތުން މަސްތުވާތަކެތި ފެނިފައި ވަނީ ކްރިސްޓިއާނޯގެ ލަގެޖުންނެވެ. ކްރިސްޓިއާނޯގެ ލަގެޖުގައި ޑްރަގް ހުރިކަން ނެނގޭ ކަމަށް ނައިރު ބުނެފައި ވެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށް އެކަން ތަހުގީގު ކުރުމަށްޓަކައި އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ފުލުހުން ވިދާޅުވީ ލަގެޖުގައި ޑްރަގް ހުރީ ނައިރުގެ އެނގުމާއި، ރުހުމުގައި ކަމަށެވެ.
އެގޮތަށް ތުހުމަތު ކުރެވެނީ ދެމީހުން ދަތުރު ކުރީ އެކީ ކަމަށް ވާތީ އާއި، އެއް ލަގެޖެއްގައި ދެމީހުންގެ އަންނައުނު ހުރުމާއެކު އެއީ ކްރިސްޓިއާނޯގެ އެއްްޗެއް ނޫންކަމުގައި އޭނާ ބުނަމުން ދާތީއެވެ.
ނައިރުގެ ފަރާތުން ބުނެފައި ވަނީ ކްރިސްޓިއާނޯ އިތުރު ލަގެޖެއް ގެންގުޅުނަސް އޭގައި ޑްރަގް ހުރި ކަން ނޭނގޭ ކަމަށާއި، އެއް ލަގެޖެއްގައި ދެމީހުންގެ އަންނައުނު ހުރީ ދިގު ދަތުރެއް ކުރާއިރު ފަސޭހަ ވާނެ ކަމުގައި ކްރިސްޓިއާނޯ ބުނުމުން ކަމުގައެވެ.
އަދި މިއީ އޭނާގެ މައްޗައް ތުހުމަތު ކުރެވެން ޖެހޭ ސަބަބެއް ނޫން ކަމުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، ލަގެޖު ބަލާ ފާސްކުރީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށާއި އޭނާ ނެތިސް ފާސް ކުރި ލަގެޖަކުން ފެނުނު ޑްރަގަށް އޭނާ ޒިންމާ ވާން ނުޖެހޭ ކަމުގައި ބުނެފައި ވެއެވެ.
ކަސްޓަމްސްގެ އޮފިސަރުން ލަގެޖު ބަލާ ފާސްކޮށްފައި ވަނީ ކްރިސްޓިއާނޯ ސިލްވާގެ ހާޒިރުގައެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ނައިރު ދޫކޮށްލަން އިއްޔެ ހުކުމްކުރީ ލަގެޖުގައި ޑްރަގް ހުރީ އޭނާ އަށް އެނގިގެން ރުހުމުގައި ކަމަށް ބެލެވޭ ހެކި ހުށަހަޅާފައި ހުންނަން ޖެހޭ އިރު ފުލުހުން އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާ އެއް ހުށަހަޅާފައި ނުވާތީވެ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް