ޖެންޑަރ މިނިސްޓްރީއަށް އޮކްޓޫބަރ މަހު 222 މައްސަލަ ރިޕޯޓުކޮށްފި އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 95 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް ވެސް ތަފާސް ހިސާބުން ދައްކާ އިރު، މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން އިހުމާލުވުމުގެ 20 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލަ އާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާ އިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އޮކްޓޫބަރު މަހު ހުށަހަޅައިފައިވާ އިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ އެވެ. އެބާވަތުގެ 13 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލަ އާއި އިހުމާލުވުމުގެ 04 މައްސަލަ އާއި ހިފެހެއްޓުމުގެ 04 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ 03 މައްސަލަ އާއި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 02 މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ޖިންސީ ފުރައްސާރަ ކުރުމުގެ 02 މައްސަލަ އާއި މުދާ ހިފެހެއްޓުމާއި / މުދަލަށް ގެއްލުން ދިނުމުގެ 02 މައްސަލަ އަދި މާލީ / އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ވެސް އޮކްޓޯބަރ މަހު ހުށަހަޅާފައިވާ ކަަމަށް ޖެންޑަރ މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް