މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: ރޭގެ މެޗުތައް ޔޫތް ޔުނައިޓެޑާއި ޝައިނިންގ ސްޓާރ އަށް

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ޔޫތް ޔުނައިޓެޑާއި ޝައިނިންގ ސްޓާރ ކާމިޔާބުކޮށްފި އެވެ. ޔޫތް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ލޮރެންޒޯ އާ ވާ...

02 Dec 2021 | 05:37

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ޔޫތް ޔުނައިޓެޑާއި ޝައިނިންގ ސްޓާރ ކާމިޔާބުކޮށްފި އެވެ.

ޔޫތް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ލޮރެންޒޯ އާ ވާދަކޮށް 39 ޕޮއިންޓު 21 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗަށް ހޮވުނީ ޔޫތް ޔުނައިޓެޑުގެ އައިމިނަތު ޖަދުވާ ޚަލީލެވެ.

ރޭ ކުޅުނު ދެވަނަ މެޗު ޝައިނިންގ ސްޓާރ އިން ކާމިޔާބުކުރީ ޒެނިތް ސްޕޯޓްސް އާ ވާދަކޮށް 80 ޕޮއިންޓު 15 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޝައިނިންގ ސްޓާރ ގެ ޢައިޝަތު ޒީކް ޝިޔާމެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ) އާއި ކްލަބް މެޓްރިކްސް އެވެ. މި މެޗު ފަށާނީ 21:30 ގަ އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަންގައި 9 ޓީމު ބައިވެރިވެފައިވާ އިރު، މި ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލާފަ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެއީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.

މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ އިރު، އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އެ އެސޯސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށާއި އަބަދު ވެސް މާސްކު އަޅައިގެން ތިބުމަށް އެދޭ ކަމަށެވެ. އަދި އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް