ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވެންސް 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް އެދި ރައީސް އަށް ޕެޓިޝަނެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވެންސް 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މި ޕެޓިޝަނުގައި ސޮއި ކުރުމުގެ ...

02 Dec 2021 | 05:17

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވެންސް 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަނުގައި ސޮއި ކުރުމުގެ އިންތިޒާމު މިދިޔަ ނޮވެމްބަރ 22 ން 27 ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ އިރު، މި ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ.

ދުވަސްއެމްވީ އަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތުން ބުނީ 7386 މީހުން ސޮއި ކޮށްފައިވާ ކަމަށެވެ. އަދި މި ޕެޓިޝަން ހުށަހަޅަން ޖެހުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ 2،000 ރުފިޔާގެ އެލަވަންސަކީ ޚަރަދުތައް ބަލަހައްޓަން އެންމެ އެކަށޭނެ އަދަދަކަށް ނުވާތީ ކަމަށެވެ.

"ޚާއްސަކޮށް ކޯވިޑާއިގުޅިގެން މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހާލަތާއިއެކު ތަކެތީގެ އަގުތައް މިވަނީ އުފުލިފަ. ކުރަންޖެހޭ ހޭދަ ބޮޑުވެފަ. އެހެންވެ، މިހާރުދެމުންދާ 2،000 ރުފިޔާގެ އެލަވަންސަކީ މި ހާލަތަށް އެންމެ އެކަށޭނަ މިންވަރު ނޫން ކަމަށް ފެންނާތީ ޕެޓިޝަން ހުށަހެޅީ." އެ ފަރާތުން ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި އެލަވަންސް ބޮޑު ކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަރަށް ގިނަފަހަރު ވާހަކަ ދެކެވިފައިވާ ކަމަށާއި ނަމަވެސް މިހައިތަނަށް އައި އިރުވެސް އެކަމަށް ހައްލެއް އައިސްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބުމުގައި ވެސް ދަތިތަކެއް ހުންނަކަން ފާހަގަކޮށް އޭނާ ބުނީ އެންމެބޮޑު ހުރަހަކީ ކިޔެވުމަށް ހުންނަ ފުރުސަތުތައް ހަނިވުން ކަމަށެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000އަށްވުރެ ގިނަ މީހުން ރާއްޖޭގެ އާބާދީގައި ހިމެނެ އެވެ.

މީގެ ތެރެއިން ބާވީސް ހާހަށްވުރެ ގިނަ މީހުން އަތޮޅުތަކުގައި ދިރިއުޅޭ އިރު، މީގެ ތެރޭގައި ހިމެނެނީ 12،844 އަންހެނުންނާއި، 9،243 ފިރިހެނުން ނެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 14،238މީހުން ނެވެ. އެއީ 9211 އަންހެނުންނާއި، 5028 މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް