ފްރެންޗް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އޮވެއެވެ.
މި މެޗު ފެށުމުގެ ކުރިން ލިއޮނެލް މެސީ އާއި ޑޮންނަރުންމާއަށް ފުޓްބޯޅައިގައި ދާދި ފަހުން ލުބުނު ކާމިޔާބީ ފާހަގަކުރުން އޮތެވެ. އެގޮތުން މެސީއަށް ލިބުނު ހަތް ވަނަ ބެލަންޑޯ އެވޯޑް އާއި އެންމެ މޮޅު ގޯލް ކީޕަރަށް ލިބުނު ޔާޝީން ޓްރޮފީ ސަޕޯޓަރުންނަށް ދައްކާލުން އޮތެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ނީސް އިންނެވެ. އެގޮތުން ނީސްގެ ކެސްޕާ ޑޯލްބާގާއި އެންޑީ ޑެލޯޓް ފޮނުވާލި ބާރު ހަމަލާއެއް ޕީއެސްޖީގެ ކީޕަރު ޑޮންނަރުއްމާ މަތަކުރިއެވެ. އޭގެ ފަހުން ޕީއެސްޖީގެ ހަމަލާއެއް ފެނިގެން ދިޔައިރު، އެމްބާޕޭ ފޮނުވާލި މި ހަމަލާ ނީސްގެ ގޯލްކީޕަރު ވޯލްޓާ ބެނިޓޭޒް މަތަކުރިއެވެ.
މެޗުގެ ފަހުހާފުގައި ޕީއެސްޖީއަށް ލަނޑުޖަހަން އިތުރު ފުރުސަތެއް ލިބުނެވެ. އެންހެލް ޑި މާރިއާއަށް ލިބުނު މި ހުސް ފުރުސަތިގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ނީސްގެ ޑޮލްބާގް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެއެވެ.
ރޭގެ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް އަދިވެސް ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ޕީއެސްޖީއެވެ. އެޓީމު އެއްވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 41 ޕޮއިންޓް އާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް