އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އާންމު ރައްޔިތުންނަށް ސާފު ވައި ނުލިބޭތާ މަހެއް ވެއްޖެ އެވެ.
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ނޮވެމްބަރު މަހަކީ މިއަހަރު ތެރޭގައި ދިއްލީއަށް އެންމެ ވައި ނުސާފުވި މަހެވެ. މިދިޔަ މަހުގެ އެންމެ ދުވަހަކުވެސް އާންމު ރައްޔިތުންނަށް ސާފު ވައި ލިބިފައި ނުވާކަމަށް ބުނެފައިވެ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މި ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ ދިއްލީގެ އަވަށްޓެރި ސްޓޭޓްތަކާއި މިދިޔަ މަހު ފާހަގަ ކުރި ހިންދޫ ދީނުގެ އީދު ކަމަށްވާ ދިވާލީ އެވެ. އެމީހުން ބުނާގޮތުގައި އަވައްޓެރި ސްޓޭޓްތަކުން ކުނީގެ ގޮތުގައި ރޯކުރާ ތަކެތީގެ އިތުރުން ދިވާލީގައި ފަޓާސް ގޮއްވުމަކީ ޖައްވު ނުސާފުވާން ދިމާވި ސަބަބު ކަމަށް ބުނެފައިވެ އެވެ.
މި ހިސާބުތައް ރެކޯޑު ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ ބޯޑުން ބުނީ މިއަހަރަކީ ދިއްލީގެ ވައި އެންމެ ނުސާފުވި އަހަރު ކަމަށެވެ.
ވައި ނުސާފުވުމުގެ ސަބަބުން މިދިޔަ މަހުގެ ތެރޭގައި ދެ ހަފްތާއަށް ދިއްލީގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް