ޕާކިސްތާންގެ ދެކުނު ސިންދް ޕްރޮވިންސްގެ ފަގީރު އަވަށެެއްގައި ކުޑަކުދިންގެ މެދުގައި އެޗްއައިވީ ފެތުރެން ފެށީ މީގެ ދެ އަހަރު ކުރިންނެވެ.
އެ އަވަށުގައި އެޗްއައިވީ ފެތުރޭކަން އެނގިގެން 2019 ވަނަ އަހަރު ހެދި ޓެސްޓުތަކުން 100 އަށްވުރެ ގިނަ ކުޑަކުދިން ޕޮސިޓިވްވެފައިވެ އެވެ. އެ އަދަދު މިއަހަރުގެ ޖޫންގެ ނިޔަލަށް 1،500 އަރާފައިވެ އެވެ. އަދި ބަލި ޖެހުނު ކުދިންގެ ތެރެއިން ފަރުވާ ނުލިބި 50 ށްވުރެ ގިނަ ކުދިން ދެ އަހަރު ތެރޭގައި މަރުވެފައިވެ އެވެ.
އެ އަވަށުގެ ކުދިންގެ މެދުގައި އެޗްއައިވީ ފެތުރެން ފެށީ އަވަށާއި ދުރުނޫން ހިސާބެއްގައި ހުރި ސަރުކާރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ގިނަ ކުޑަކުދިންނަށް އިންޖެކްޝަން ޖެހުމަށް އެއް ކަށްޓެއް ބޭނުން ކުރުމުންނެވެ.
އެޗްއައިވީ ޖެހުނު އަހަރު ނުވާ ކުޑަކުދިންގެ ފަރާތުން މައިންނަށްވެސް ބަލި ޖެހިފައި އެބަހުއްޓެވެ. އަދި އަނބިގެން ފަރާތުން ފިރިންނަށްވެސް ދަނީ ބަލި ފެތުރެމުންނެވެ. މައިންބަފައިންނަށް ބަލި ފެތުރޭ ގޮތާއި ގުޅޭގޮތުން ބުނެފައިވަނީ ތުއްތު ކުދިންނަށް ގާތުން ދިނުމާއި އެޗްއައިވީ ޖެހިފައިވާ ކުދިންނަށް މުޖުތަމައުއާއި ކުޅިވަރުގެ ތެރެއިން ލިބޭ ޒަހަމްތަކުން ބަލި ފެތުރެމުންދާ ކަމަށެވެ.
ފަގީރު އެއަވަށުގެ އެފަދަ ބައެއް އާއިލާތަކުން ބުނީ އެމީހުންގެ ދަރިންނަށް ފަރުވާ ދޭން ބޭނުންވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލަށް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކަށް ދެއްކުމުން އަންގަނީ އިތުރު ފަރުވާ ބޭނުންވާތީ އަމިއްލަ ހޮސްޕިޓަލް ތަކަށް ދިއުމަށެވެ. އެކަމަކު ދަރިންގެ ބޭސް ފަރުވާއަށް ހަރަދު ކޮށްފި ނަމަ ބަނޑުފުރާ މުއްތި ކުރަން ކާއެއްޗެއް ގަންނާނެ ފައިސާ ނެތް ކަމަށް އާއިލާތަކުން ބުނެ އެވެ.
އެމީހުން ބުނި ގޮތުގައި ޕާކިސްތާނު ސަރުކާރުން އެމީހުންނާއި އެމީހުންގެ ދަރިންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ދޭންޖެހެ އެވެ. އެއީ އެ ކުދިންގެ މެދުގައި އެޗްއައިވީ ފެތުރުނީ އެމީހުންގެ އިހުމާލުން ކަމަށް ނުވާތީ އެވެ.
އެ އަވަށުގައި އެޗްއައިވީ ފެތުރޭކަން ފަޅާ އަރުވާލީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޕާކިސްތާނުގެ ޒުވާނެކެވެ. އެކަން ފަޅާ އެރީ ބަލިވެގެން އެ ސަރަހައްދުގައި ހުރި އަމިއްލަ ސިއްހީ ހިދުމަތްދޭ ތަނަކަށް ގޮސް ޓެސްޓު ކުރި ކުއްޖަކު އެޗްއައިވީއަށް ޕޮސިޓިވްވުމުން އެ ޒުވާނާ އިތުރަށް ހޯދި ހޯދުންތަކުންނެވެ.
މި މައްސަލައިގަ އެ ޑޮކްޓަރު ޖަލަށްލީ ނަމަވެސް މިހާރު ވަނީ ދޫކޮށްލާފައި އެވެ. އަދިވެސް އެ މައްސަލަ އޮތީ ކޯޓުގައި އެވެ.
ޝަރީއަތްތައް ތާވަލު ކުރުމަށް ފަހު ކެންސަލް ކުރަމުންދާއިރު އޭނާ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅޭތީ އެ އަވަށުގެ މީހުން ދަނީ ހިތްހަމަ ނުޖެހުން ފަާޅު ކުރަމުންނެވެ. އެގޮތުން އެމީހުން ކާނާ ނޫނީ ބޭސް އިހްތިޔާރު ކުރަން މަޖުބޫރުވެފައިވާއިރު އެމީހުންނަށް ސަރުކާރުން އިންސާފު ހޯދައި ނުދޭ ކަމަށް ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް