ކޯޓުން ބޭރުން ކައިވެނިކޮށް ބަލިވެ އިނދެ ވިހޭ، އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖާއާއި އެ ކުއްޖާއަށް ލިބުނު ދަރިފުޅުގެ އިތުރުން ހަމަ އެއާއިލާއަށް ނިސްބަތްވާ އިތުރު ކުދިންތަކެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އެއާއިލާގައި ހިމެނޭ ހަކުދިންނާއި އަދި އުމުރުން 13 އަހަރުގެ ކުއްޖާ ވިހޭދަރި ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތްކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމައްޓަކައި މިއަދުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފުލުހުން ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އެއް އާއިލާއެއްގެ ކުދިންތަކަކަށް އެކުދިންގެ މައިންބަފައިން އިހުމާލުވެ އެކުދިންނަށް ވެކްސިން ނުދީ ތަޢުލީމުން މަހުރޫމްކޮށްފައިވާކަމަށް ހުށަހެޅި ތަހްޤީޤް ކުރަމުން އައި މައްސަލަ އާއި އަދި އެއާއިލާގެ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާާފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުންނާއި ޖެންޑާއިން ކުރިން ބުނެފައިވެއެވެ.
ފުލުހުން މިއަދު އިތުރަށް ބުނެފައިވަނީ އެކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގައި ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް