ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ތަމްސީލުކުރައްވަމުން ގެންދަވާ އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.މި މައްސަލައަކީ ރައީސް މައުމޫން ޖާބިރު އަތުން 29 މިލިޔަން ރުފިޔާ ނަގައި އެ ފައިސާ އަނބުރާ ނުދޭކަމަށް ބުނާ މައްސަލައެވެ.
މި މައްސަލަ ޖާބިރު ކޯޓަށް ވައްދާފައިވާއިރު މި ފައިސާގެ މައްސަލައިގާ ޖާބިރުގެ މަންމާފުޅުގެ އެދިލެއްވުމަށް ރައީސް މައުމޫނަށް މާފުކޮށްފިން ކަމަށް ޖާބިރު ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ދުވަހަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާގޮތަށް ނެންނެގި ކަމަށްބުނާ 29 މިލިޔަން ރުފިޔާ މާފުކޮށްފިން ކަމަށާއި ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.
އެދުވަހު ޖާބިރު ވިދާޅުވީ އެގޮތަށް ނިންމެވީ އޭނާގެ މަންމާފުޅުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.
“އަޅުގަނޑުގެ މަންމާފުޅާ މައުމޫން އާ ވަރަށް ގާތްކަމަށް މައުލޫމާތު ލިބެނީ، އެހެންކަމުން މަންމާފުޅުގެ އެދިލެއްވުމުގެ މަތިން މާފުކުރަން ނިންމީ” އެދުވަހު ޖާބިރު ވިދާޅުވިއެވެ.
ރައީސް މައުމޫން އެ ފައިސާ ހޭދަކުރެއްވީ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކަމުގައި ރައީސް މައުމޫން އޭނާ ގާތު ދަންނަވާފައިވާކަމަށާއި އެހެންކަމުން އެ ފައިސާ އެ ހަރަދުކުރީ ރައްޔިތުންނަށްޓަކައި ކަމުގައި ގަބޫލުކުރައްވާ ކަމުގައިވެސް ޖާބިރު އެދުވަހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް