ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާ ހުސްވަގުތުކޮޅަށްފަހު 11 ޖެހީއިރު ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެމްބަރުން ގެންދަވަނީ ރައީސް ޔާމީން ވަގުތުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑުގަދަ ކުރައްވަމުންނެވެ.
މިއިހްތިޖާޖު ކުރުމުގައި އަމަލީގޮތުން އުޅުއްވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫންއެވެ.
މަޖިލީހުގައި އިހްތިޖާޖުކުރަނީ މަދު މެންބަރެއް ނަމަވެސް އެ މެންބަރުންގެ ހަޅޭކުގެ އަޑު ގަދަކަމުން މަޖިލީހުގެ މެންބަރުން އަދި މަޖިލީހުގެ ރައީސް ވާހަކަދައްކަވަމުން ގެންދަވަނީ ހެޑްސެޓް އަޅުއްވައިގެންނެވެ.
މަޖިލިހުގައި އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން އެމްޑީޕީގެ މެމްބަރުން ރައްދު ވެސް ދެއްވި އެވެ. އެކަމަކު، މަޖިލިހުގެ ރައީސް އެދިވަޑައިގެންނެވީ އިހުތިޖާޖް ކުރައްވާ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވާހަކަ ނުދައްކަވާ ތިއްބެވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް