ޕީޕީއެމްގެ ލީޑަރަކަށް ދެން ކާކު !؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ފަސް މިލިއަން ޑޮލަރު އިން ޖޫރިމަނާކޮށް ފަސް ...

02 Dec 2019 | 06:30

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ފަސް މިލިއަން ޑޮލަރު އިން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރުމާއި އެކު އެމަނިކުފާނަށް މިވަނީ ޕީޕީއެމްގެ ލީޑަރުކަށް ގެއްލިފައެވެ.

މިއީ ޙުދު ރައީސް ޔާމިންގެ ވެރިކަމުގައި 2015 ވަނަ އަހަރު ޖަލުތަކާއި ޕެރޯލްގެ ޤާނުނަށް ގެއަނި ބަދަލުގެ ނަތީޖާއެވެ. ދެން އޮތީ އިސްތިއުނާފްގެ މަރުހަލާއެވެ. މި މަރުހަލާތަކުގައިވެސް ރައީސް ޔާމިނަށް ކާމިޔާބުވުމަކީ ނާދިރުކަމެކެވެ. ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ ހެކީގެ ޒާތަށް ބަލާއިރު އަދި ހެކިވެރިންގެ ހެކިބަހަށް ބަލާއިރު ރައީސް ޔާމިނަށް ސަލާމަތްވެވޭ ވަރަށްވުރެ މާ ބޮޑެތި ހެކިތަކެކެވެ. އަދި ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވެސް ބަޔާންކޮށްފައިވާ ގޮތަށް ރައީސް ޔާމީން ހިންގެވި ފައިސާގެ މުޢާމަލާތްތަކަކީ އެންމެ އާދައިގެ މީހާގެ ވިސްނުމުން ވިސްނާއިރުވެސް ގޯސް މުއާމަލާތެއްކަމެވެ. ދެވަނަ ސަބަބަކީ ދަށު ކޯޓުތަކާއި މަތީ ކޯޓުތަކަށް ޖޭއެސްސީންނާއި މަޖިލީހުން މިގެންނަ ބަދަލުގެ ސަބަބުން ރައީސް ޔާމީނަށް ވާގިވެރިވާނެ މަދަދުގާރުން ކޯޓުތަކުގައި ނެތުމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަދަދު ހޯއްދެވިކަމަށް އޭރުގެ އިދިކޮޅު ފާރާތްތަކުން ތުހުމަތުކުރެއެވެ.

ނަމަވެސް މިއަދު، ރައީސް ޔާމީން އޭރު ކުރެއްސެވި ތަސްވީރު ބަދަލުވެއްޖެވެ. އިދިކޮޅު ލީޑަރުން ޖަލުގެ ތޭރިތަކުގެ ތެރޭ ބަންދު ކުރައްވައި ނުވިތާކަށް އަމިއްލަ ޕާޓީގެ (ޕީޕީއެމް) މެމްބަރުންވެސް ޖަލަށް ލެއްވިއެވެ. މިއަދު ތަގްދީރުގެ ނިޔާ ކަނޑައެޅީ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހުމެވެ. ރައިސް ޔާމީނަކީ މީހާތަނަށް ރާއްޖެ ނުދެކޭ ވަރުގެ އާދަޔާ ޚިލާފް ބާރުތަކަކާއިއެކު ވެރިކަން ކުރެއްވި ރައީސްއެކެވެ. ތަރައްޤީގެ އެތަށް މަޝްރޫޢެއް ހިންގެވިއެވެ. 2018 ގެ އިންތިޚާބުން ބަލިވެ ޝަރުއީ ހުކުމެއްގެ ދަށުވަންދެން ރައީސް ޔާމީނަކީ ރާއްޖޭގެ އިދިކޮޅު ލީޑަރެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ދެން އިދިކޮޅު ލީޑަރަކަށް ވާނީ ކާކުބާއެވެ؟ ރައިސް ޔާމީންގެ "ސަކްސަސަރ" އަކަށް ވާނީ ކާކު ހެއްޔެވެ؟

ރާއްޖޭގެ ދުވަސްވީ ޤާނޫނީ ވަކީލަކު ރައީސް ޔާމީން ޖަލަށްލުން ސިފަކުރީ ސިޔާސީ ގޮތުން ބަޔަކަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ޕީޕއެމްގެ ލީޑަރަޝިޕަށް ލޯއަޅައިގެން ބަޔަކު ތިބޭނެކަމީ ޝައްކު ނުއުފެދޭހާ ސާފުކޮށް އޮތް ކަމެކެވެ. ރައީސް ޔާމީންވެސް ވަނީ އެފަދަ އިޝާރާތެއް ކޮށްފައެވެ. އެމަނިކުފާނު އެފަރާތްތައް ސިފަކުރެއްވީ "މިނިކާ ބާޒު" ތަކެއްގެ ގޮތުގައެވެ. މިވަގުތު ސިޔާސީ މަސްރަހު އޮތްގޮތުން އިދިކޮޅު ލީޑަރެއްގެ ބޭނުން އިންތިހާއަށް ބޮޑެވެ. ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީގެވެސް ކޮންޓްރޯލް އޮތީ ވެރިކަން ކުރާ ކޯލިޝަނުގައެވެ. މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިދިކޮޅު ލީޑަރަށް ހުންނަން ޖެހޭނީ ރައްޔިތުން ބަލައިގަންނަ އަދި ސަރުކާރަށްވެސް ގުޑުވާ ނުލެވޭނެ ލީޑަރެކެވެ. އެފަދަ ލީޑަރަކީ ކޮބައި ހެއްޔެވެ. ހަ ނަމެއް ސިޔާސީ މަސްރަހުގައި އެބަ އެނބުރެއެވެ. ލިސްޓެއް ތަރުތީބު ކުރާނަމަ ފަށާނީ ތިރިން މައްޗަށެވެ.

06 ޤައްސާން މައުމޫން

ޤައްސާން މައުމޫނަކީ މި ލިސްޓު ތަރުތީބު ކޮށްފައިވާ ގޮތުން ޕީޕީއެމްގެ ލީޑަރަށް ވުމުގެ ފުރުސަތު އެންމެ ކުޑަ ބޭފުޅާއެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖީލީހުގެ ތ. ގުރައިދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރެވެ. ރައީސް މައުމޫންގެ ހަގު ދަރިކަލުންނެވެ. ޤައްސާނަކީ ޕީޕީއެމްގައި ފުރުސަތު އޮތް ބޭފުޅެކެވެ. ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅާއެވެ. މައުމޫންގެ ބޭފޫޅުންގެ ތެރެއިން ރައިސް ޔާމިންގެ އަރިހުގައި ހުންނެވި ހަމައެކަނި ބޭފުޅާއެކެވެ. އެހެންކަމުން ރައިސް ޔާމިން ނެތް ހާލަތެއްގައި ޕާޓީގެ ލީޑަރުގެ މަގާމު ފުރުމަށް ޕާޓީގެ އާންމު މެންބަރުން ޤައްސާނަށް ރުހިދާނެއެވެ. އެފަދަ ޝައުގުވެރިކަމެއް އަދި ޤައްސާނު ފާޅުކޮށްފައި ނެތެވެ.

05 ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް

ނައިފަރު ދާއިރާގެ މަމްބަރު އަހުމަދު ޝިޔާމަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރެވެ. މި ސަރުކާރުގެ ކަންކަމާއި އެންމެ ގިނައިން މަޖިލިހުގައި ފާޑުކިޔާ އެއް މެމްބަރަށް ހަމަގައިމުވެސް ޝިޔާމް ވާނެއެވެ. ނަމަވެސް ޝިޔާމަށް ޕާޓީގެ ގްރާސް ރޫޓް ތާއިދުއޮތްތޯ ނެތްތޯ މިއީ އުފެދޭ ސުވާލެކެވެ. ނަމަވެސް މިވަގުތު ޕާޓީގައި ތިއްބެވި އިސް ފަރާތްތަކަށް ބަލާއިރު ޝިޔާމް އަކީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ވުމުން ޕާޓީގެ ލީޑުކުރުމަށް ވަރަށް ބޮޑު ހައިސިއްޔަތެއް ލިބިއެވެ. ޝިޔާމް ދައްކަވާފަދަ ޖޯޝެއް ޕީޕީއެމްގެ ދެންތިއްބެވި މެމްބަރުންނަކަށް ނުދެއްކެވެއެވެ.

04 އުމަރު ނަސީރު

އުމަރު ނަސީރަކީ 2008 ވަނަ އަހަރުން ފެށިގެން ވެރިކަމަށް ކުރިމަތިލެއްވުމުގެ ހުވަފެން ދޫކޮށްލަވަން ބޭނުންނުވާ ބޭފުޅެކެވެ. 2008 ވަނަ އަހަރު އަމިއްލަ ޕާޓީ، އައިޑީޕީގެ ޓިކެޓްގައި ވާދަކޮށް ބޮޑުތަނުން ބަލިވުމާއި އެކު ތިން ސިޔާސީ ޕާޓީއެއްގައި އުމަރު މަސައްކަތް ކުރެއްވިއެވެ. ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ދެ ސިޔާސި ޕާޓީ ޑިއާރުޕީއާއި ޕީޕީއެމްގައިވެސް އިސް މަގާތަކެއް އުމަރު ފުރުއްވިއެވެ. އަދި ފަހުން ޖުމްހުރީ ޕާޓީގައިވެސް ދުވަސްކޮޅަކު އުމަރު ހުންނެވިއެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕީޕީއެމްގެ ޕްރައިމަރީން ޔާމީން އަބްދުލް ޤައްޔޫމާއި ވާދަކޮށް ބަލިވެ ފަހުން އުމަރު ވަނީ އެއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީންގެ ހޯމް މިނިސްޓަރުގެ މަޤާމް ފުރުއްވާފައެވެ. އެހެން ކަމުން ލީޑަރެއްގެ ބޭނުން ޕީޕީއެމަށް ޖެހިފައިވާ މި ޙައްސާސް ދަނޑިވަޅުގައި އުމަރު ކުރިއަށް ފިޔަވަޅެއް އަޅައި ޕާޓީގެ ލީޑަރަށްވުމުގެ ޝައުޤު ފާޅުކުރާނެކަމީ ދުރުގައި އޮތްކަމެއް ނޫނެވެ.

03 ކާނަލް ނާޒިމް

މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލުކުރައްވާ ޖުމްހޫރީ ޕާޓީގެ މެމްބަރު މުޙައްމަދު ނާޒިމް (ކާނަލް ރިޓަޔާޑް ނާޒިމް) ފާޙަގަކުރުވުނީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިންމުމަށް މަސައްކަތްކުރެއްވި އަދި ފަހުން ސިޔާސީ ގޮތުން ވަރަށް ބާރުގަދަ ފާރާތެއްގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ ޕީޕީއެމާއި ގުޅުމަށްފަހު ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މާޤާމު އަދާކޮށްފައެވެ. ނަމަވެސް ރައިސް ޔާމީންއާއި ޚިޔާލު ތަފާތުވެ ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ ތުހުމަތުގެ ޝިކާރައަކަށްވެ ގިނަ ދުވަހު އޮންނަވަން ޖެހުނީ ޖަލުގައެވެ. ނާޒިމް ފެނިގެން ގޮސްފައިވަނީ ލީޑަރޝިޕް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. ޕީޕީއެމްގެ ލީޑަރޝިޕަށް ނާޒިމްގެ ސީދާ ޝައުޤުވެރިކަން ފާޅުނުކުރެއްވިއެއްކަމަކު އެމަނިކުފާނު ނިސްބަތްވާ ޖުމްހުރީ ޕާޓީ އަމަލީ މަސައްކަތްތަކުން ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އެހެންކަމުން ކާނަލް ނާޒިމަކީވެސް ޕީޕީއެމްގެ ލީޑަރޝިޕަށް ވަޑައިގަތުމުގެ ފުތުސަތު އޮތް ބޭފުޅެކެވެ.

02 ޑރ. މުޙައްމަދު ޖަމީލު އަހުމަދު

ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެވެ. 2013 ގައި ޖަމީލު ވެރިކަމަށް ވާދަކުރެއްވީ ރާއިސް ޔާމީންއާއި އެއްޓިކެޓެއްގައި އެމަނިކުފާނުގެ ރަނިންމޭޓްގެ ގޮތުގައެވެ. ޔާމީން ރައީސްކަމަށް ގެނައުމަށް 2013ގެ ކެމްޕެއިންގައި ރަށްރަށަށް ވަޑައިގެން ތާއީދު ހޯއްދެވުމުގެ ބުރަ މަސައްކަތް ކުރެއްވީ ޖަމީލެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބުގެ ބާރު ގަދަވެ ރައީސް ޔާމީނާއި ޖަމީލާއި ހިޔާލުތައް ދެކަފިވެ ޖަމީލުވަނީ މަގާމުން ދުރުކޮށްފައެވެ. އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި ޖަމީލު މަގާމުން ދުރުކުރީ އަދީބަށް ނައިބު ރައީސްކަން ދިނުމުގެ ބޭނުމުގައެވެ. މި ސަރުކާރުގައި ރައީސް ޔާމިންގެ ޝަރީއަތް ކުރިއަތްގެންދަން ނިންމެވުމާއި އެކު އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަން ގެންނަން މަސައްކަތްކުރެއްވި ޖަމީލުވަނީ ރައީސް ޔާމީންގެ ދިފާއުގައި އަދި ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތްކުރަން ފައްޓަވައިފައެވެ. އޭގެ އެއް މަގްސަދަކީ ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ލީޑަރުކަން އެމަނިކުފާނަށް ވުމަށް ހެވަފެންދެކެނީ ކަމަށް ވެދާނެއެވެ. އަދި މިވަގުތު ޕީޕީއެމްގެ ސަޕޯޓްއޮތީ ރައީސް ޔާމީނަށް ކަމަށްވުމުން ރައީސް ޔާމީނުގައި ދިފާއުގައި ޖަމީލު ހުންނަވާކަން ދެއްކުމަކީ ސިޔާސީ މަންފާއެއް އެކުމުގައި އެކުލެވޭ ކަމެއް ކަމަށް ދެކުމުގެ ފުރުސަތު އެބައޮތެވެ.

01 ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ޑރ. ޝަހީމަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާއެވެ. ފެންނަ ފެނުމަށް ރައީސް ޔާމީން އިތުބާރުކުރައްވާ މަދު ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ. ޑރ. ޝަހީމަކީ ދީނީ އިލްމުވެރިޔެކެވެ. ކުރީގެ އިސްލާމިކް މިނިސްޓަރެވެ. އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރުވެސް މެއެވެ. މިއިން ކޮންމެ މަޤާމެއްގައިވެސް ޝަހީމަކީ ކުޅަދާނަކަން ސާބިތުކޮށްދީފައިވާ މޮޅު ބޭފުޅެކެވެ. ސިޔާސީ ގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންނާއި ޚިޔާލު ތަފާތުވިޔަސް ޝަހީމްގެ ފަހަތުގައި ރާއްޖޭގެ އެތައް އިލްމުވެރިންނެއް އެބަތިއްބެވެ. ޝަހީމަކީ ޕީޕީއެމްގެ ވެސް ތާއިދު އޮތް ބޭފުޅެކެވެ. އަދި ޝަހީމްގެ އެންމެ ބޮޑު ރައުސޫލް މާލަކީ ބޭރު ދުނިޔޭގައި އޮތް އެމަނިކުފާނުގެ މަޝްހޫރުކާމާއި ފިސާރި ގުޅުމެވެ. މިވަގުތުވެސް ޝަހީމް ހުންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓެރީ ޖެނެރަލްގެ ޚާއްސަ މުޝީރުގެ މަޤާމުގައެވެ. އަދި އެއީ އޯއައިސީގެ ފިކުރީ ގޮފީގެ ވެރިޔާވެސް މެއެވެ. މި ފަދަ ދަނޑިވެޅެއްގައި ޑރ. ޝަހީމަކީ ޕީޕީއެމްގެ ލީޑަރަށް ވުމަށް އެންމެ އެކަށޭނެ ޗޮއިސް ކަމަށް ގަބޫލުކުރެވެއެވެ. އިދިކޮޅު ލީޑަރަކަށް ވުމުގެ ޝައުގުވެރިކަން ޑރ. ޝަހީމް އަދި ފާޅުނުކުރައްވައެވެ. ނަމަވެސް ފާޅުކުރައްވައިފިނަމަ އެންމެ އެކަށޭނެ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެކަން ޕީޕީއެމްގެ އާންމު މެންބަރުން ގަބޫލުކުރާނެއެވެ.

ކޮންމެއަކަށް މިދެންނެވި ހަ ބޭފުޅުންގެ އިތުރުންވެސް ޕީޕީއެމްގެ ލީޑަޝިޕަށް ޝައުގުވެރިވާނެ ބަޔަކު ތިބެދާނެއެވެ. ނަމަވެސް ފުރުސަތު އެންމެ ބޮޑީ ޕީޕީއެމްގެ އެއް ރޫހެއްގައި ގެންގުޅެވޭނެ ލީޑަރަކަށެވެ. އިސްލާމް ދީނާއި ގައުމުގެ ސިޔާދަތު ނަގަހައްޓާނެ ލީޑަރެކެވެ. ޕީޕީއެމަށް ބޭނުންވަނީ ސަރުކާރު ފަސްޖެހޭނެފަދަ ނުގުޑާނެ ލީޑަރެކެވެ. އެފަދަ ލީޑަރެއް އިޚްތިޔާރުކުރާނީ ޕީޕީއެމްގެ އާންމު މެމެބްރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް