މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޕް26 ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވަރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައި ވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަކީ ވެސް ދިރިއުޅެން ޙައްޤުވާ ބައެއްކަމުގައި ވިދާޅުވެފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމުގައި ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ވެސް ރައީސް ސޯލިހު ވަނީ ބާރުއަޅުއްވާފަ އެވެ.
ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމުގައިވީ ނަމަވެސް ރާއްޖެއިން ދަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކޮށް އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުންކަމުގައި ވިދާޅުވެފަ އެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ޤައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންކަމާއިމެދު ސުވާލުއުފައްދަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް