އައިއެސްގެ ހަމަލާ މިފަހަރު އަފްގާންގެ އަސްކަރީ ހޮސްޕިޓަލަކަށް، 15 މީހުން މަރާލި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ސަރްދާން ދައުދް ހާން ހޮސްޕިޓަލުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމަށް ފަހު ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލައިފި އެވެ. ތޯލިބާނު...

02 Nov 2021 | 14:31

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ސަރްދާން ދައުދް ހާން ހޮސްޕިޓަލުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމަށް ފަހު ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލައިފި އެވެ.

ތޯލިބާނުންގެ ތަރުޖަމާނަކު ވިދާޅުވީ ފުރަތަމަ ބޮން ގޮއްވާލީ ހޮސްޕިޓަލް ގޭޓް ކައިރީގައި ކަމަށެވެ. ދެވަނަ ގޮވުން ހޮސްޕިޓަލާއި ކައިރީގައި ގޮއްވާލި އިރު ބަޑިހިފައިގެން ތިބި މީހުން ހޮސްޕިޓަލް ތެރެއަށް ވަދެއްޖެ ކަމަށް ވިދާޅުވެފައިވެ އެވެ.

މި ހަމަލާގެ ޒިންމީ އެއްވެސް ބަޔަކު އަދި ނުނެގި ނަމަވެސް ތޯލިބާނުންގެ ތަރުޖަމާނު ވިދާޅުވީ އެއީ އައިއެސްގެ ހަމަލާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލް ގޭޓު ކައިރީ ބޮން ގޮއްވާލުމަށް ފަހު އައިއެސްގެ ހަނގުރާމަވެރިން ހޮސްޕިޓަލް ގޯތިތެރެއަށް ވަނީ ކަމަށެވެ.

އެއާއެކު ތޯލިބާނުން އެމީހުންނަށް ހަމަލާ ދޭން ފެށި ކަމަށާއި ތިން މީހަކު މަރާލައި އެކަކު ހައްޔަރު ކުރި ކަމަށެވެ.

އެ ހޮސްޕިޓަލްގެ ޑޮކްޓަރަކު މީޑިއާގައި ބުނީ އޭނާ ހޮސްޕިޓަލްގެ ކޮޓަރިއެއްގަ ފިލާއޮތް އިރު ބަޑިޖަހަމުން ދިޔަ މީހުން ފަހަރަކު ކޮޓަރިއަކަށް ވަންނަމުން ބަޑިޖަހަމުން ދިޔަ އަޑު އިވުނު ކަމަށެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް ތޯލިބާނުން އަދި ހާމަ ނުކުރި ނަމަވެސް ހޮސްޕިޓަލުން މީޑިއާގައި ބުނެފައިވަނީ 15 މީހުން ބަޑީގެ ހަމަލާތަކުގައި މަރުވި ކަމަށެވެ.

މިއީ އައިއެސްއިން އެ ހޮސްޕިޓަލަށް ހަމަލާދިން ފުރަތަމަ ފަހަރަށް ނޫނެނެވެ. 2017 ވަނަ އަހަރު ޑޮކްޓަރުންގެ ހެދުން އަޅައިގެން އައިއެސްގެ ހަނގުރާމަވެރިއަކު އެ ހޮސްޕިޓަލަށް ވަދެ 30 މީހުން މަރާލައި 50 މީހުން ޒަހަމް ކޮށްލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް