ޓޮޓެންހަމްގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފި

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އެ ޓީމުގެ ކޯޗުގެ މަގާމަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފި އެވެ. ޓޮޓެންހަމުން ކޮންޓޭއަށް ވަޒީފާ ދީފައިވަނ...

02 Nov 2021 | 13:14

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އެ ޓީމުގެ ކޯޗުގެ މަގާމަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފި އެވެ.

ޓޮޓެންހަމުން ކޮންޓޭއަށް ވަޒީފާ ދީފައިވަނީ 2023 ގެ ނިޔަލަށެވެ. އެޓީމުގެ ކޯޗަކަށް ކޮންޓޭ ހަމަޖެއްސީ މި ސީޒަނުގައި އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން 14 މަސް ދުވަހަށް ފަހު ނޫނޯ މަގާމުން ވަކިކުރުމަށްފަހު އެވެ. މިދިޔަ ސީޒަނުގައި ވުލްވަހެމްޕްޓަން ވެންޑަރަސް އަށް ކޯޗު ކޮދީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފަހު މިއަހަރުގެ ޖޫން މަސްތެރޭގައި ޓޮޓެންހަމާއި ހަވާލުވެ އެންމެ ރަނގަޅު ނަތީޖާތަކެއް އޭނާ އަށް ހޯދަ ދެވިފައެއް ނުވެއެވެ.

އިޓަލީގެ އިންޓަ މިލާން އަދި ޔުވެންޓަސް އަށާއި ޗެލްސީއަށް ވެސް ލީގު ކާމިޔާބުކޮށްދީފައިވާ ކޮންޓޭ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ އިންޓަމިލާން އަށެވެ. މިދިޔަ އަހަރު އިޓަލީ ލީގު އިންޓަ އަށް ކާމިޔާބު ކޮށް ދިނުމަށް ފަހު އެޓީމުގެ ކޯޗުކަމުން ވަކިވި ފަހުން ކޮންޓޭ ހުރީ ޓީމަކާ ހަވާލުނުވެ އެވެ. އެ މުއްދަތުގައި ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބުތަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑް ގެ ކޯޗު ކަމާއި ކޮންޓޭ ހަވާލުވާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވިއެވެ.

ކޮންޓޭ ޓޮޓެންހަމާ ހަވާލުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމުން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު އެވަޓަން އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް