ފްރަންޓުލައިން އެލަވަންސް ތޭރަ ހާހަށްވުރެ ގިނަ މީހުންނަށް 192 މިލިއަން ރުފިޔާ ދޫކޮށްފި

ފްރަންޓުލައިން އެލަވަންސް ތޭރަ ހާހަށްވުރެ ގިނަ މީހުންނަށް 192 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެ މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސ...

02 Nov 2021 | 12:50

ފްރަންޓުލައިން އެލަވަންސް ތޭރަ ހާހަށްވުރެ ގިނަ މީހުންނަށް 192 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާ އިރު، ފްރަންޓުލައިންގައި މަސައްކަތްކުރާ 13،105 މީހަކަށް މިހާރުވަނީ އެލަވަންސް ދީފަ އެވެ. އަދި އެއީ 192.94 މިލިއަން ރުފިޔާ ކަމަށް ވަނީ ބުނެފަ އެވެ.

މި އެލަވެންސް ދޭ ފަރާތްތަކުގެ ތެރޭގައި، ނަރުހުންނާއި ޑޮކްޓަރުންނާއި ލެބް ޓެކްނީޝަނުން އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެ އެވެ.

މި އެލަވަންސަކީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެލަވަންސެކެވެ. އަދި މި އެލަވަންސް ދޫކުރަނީ އެކި ރިސްކް ލެވެލްތަކަކަށް ބަހާލައިގެން ނެވެ.

މި އެލަވަންސް ދިނުމުގައި ތަފާތުކުރުންތަކާއި އެލަވަންސް ނުލިބޭ ގިނަ ފަރާތްތަކެއް ތިބިކަމުގެ ޝަކުވާ މީގެކުރިން ވެސް ވަނީ އެތައް ފަހަރަކު މީޑިއާއަށް ތިލަވެފަ އެވެ.

އެގޮތުން އެލަވެންސް ދިނުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކުރެވި އެކަމުގެ ޝަކުވާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އެ ސިޓީގައި އެލަވަންސް ދިނުމުގައި ހަމަހަމަކަން ނެތުމާއި، މަސައްކަތް ކޮށްފައިވާ މުއްދަތާއި ނިސްބަތްވާވަރުގެ އަދަދެއް އެލަވަންސްގެ ގޮތުގައި ނުލިބުމުމާއި އެއްވެސް ވަރަކަށް އެލަވަންސް ނުލިބުމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެކިއެކި ފެސިލިޓީތަކާއި ސެންޓަރުތަކުގައި ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކަށް، އަދިވެސް އެލަވަންސް ލިބިފައިނުވާކަން ފާހަގަކޮށްފައި ވެއެވެ.

ޕޭމަންޓްގެ ތަފްސީލު ހިމެނޭ ސްލިޕް ލިބިފައިނުވާކަން ފާހަގަކޮށް ޔޫނިއަނުން ބުނެފައިވަނީ އެލަވަންސް ދެވުނުގޮތުގެ ތަފްސީލް ހިމެނޭ ސްލިޕްތައް، އެލަވަންސް ލިބުނު ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް