ރކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ކުށުގެ ދައުވާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވި ފަނޑިޔާރުންގެ އޯޑިއޯގެ ފޮރެންސިކް ތަހުގީގު ނިންމުމުން އެ މައްސަލައިގަ ޖުޑީޝަން ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ގަބޫލު ނުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ތަހުގީގު ކުރީ އެ އަޑުތަކަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަމީރު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދު އަޑު ކަން ކަށަވަރު ކުރުމަށެވެ. ޖޭއެސްސީން ބުނީ ފޮރެންސިކް ތަހުލީލުތަކުން އެނގުނު ގޮތުގައި އޭގެ ތެރެއިން ދިމާވަނީ ފަނޑިޔާރު ފާއިޒްގެ އަޑު ކަމަށެވެ.
މި ނިންމުމާއި ގުޅިގެން އިދިކޮޅުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުން އޯޑިއޯ ތަހުގީގު ކުރުމުގައި ރަނގަޅު ނިޔަތެއް ނުގެންގުޅޭ ކަމަށެވެ. ޖޭއެސްސީން އިންކާރު ކުރި ނަމަވެސް އެ ކޮމިޝަންގެ ބަޔާނުން އެ ހުރިހާ އޯޑިއޯތައް ސައްހަ ކަން ކަށަވަރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީން ކުއްލިއަކަށް ބަޔާން ނެރުނީ ތަހުގީގު ލަސް ކަމަށް އިއްޔެ އެ ކޯލިޝަނުން ބުނުމުން އަވަސް އަރުވާލައިގެން ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. އޯޑިއޯތައް ތަހުލީީލު ކުރުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލު ކޮށްގެން އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ދީފައި ވަނިކޮށް ކުއްލިއަކަށް ޖޭއެސްސީން ނިންމި ނިންމުން ގަބޫލެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ޖޭއެސްސީ އަދި ފުލުހުންގެ މުއައްސަސާގައި ވެސް އެފަދަ އޯޑިއޯތައް ތަހުލީލު ކުރެވޭ ވަސީލަތްތަކެއް ނެތް ކަމަށެވެ. ފުލުހުން ވެސް އެކަން ކުރަނީ ކުރިން އެ މުއައްސަސާގައި އުޅުނު މީހަކަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްގެން ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށް ގޮސްފައިވާ އިރު، މި މައްސަލައަކީ ދަށު ކޯޓުގެ ނިންމުން ބާތިލްވާ ވަރުގެ ބޮޑު މައްސަލައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޖޭއެސްސީ އަށް އެކަން ނުވުމުން ސުޕްރީމް ކޯޓުން އިސް ނަގައިގެން މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޖޭއެސްސީން އެ މައްސަލައިގަ ނެރުނު ބަޔާޏުގައި ބުނީ އޭގެ ތެރެއިން އަޑު ދިމާވާ ފަނޑިޔާރު ފާއިޒްގެ އެ އޯޑިއޯއަކީ ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
ފާއިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަންވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.
އެކަމަކު އެ އަޑަކީ ފަނޑިޔާރު ފާއިޒްގެ އަޑު ކަމަށް އިންކާރު ކުރެއްވިޔަސް ފޮރެންސިކް ތަހުލީލުތަކުން އަޑު ދިމާވެފައިވާތީ ޖޭއެއްސީގެ އިސްނެގުމަށް އެ މައްސަލަ ތަހުގީގު ކުރަން ވަނީނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް