ކުށްކުރުމުގެ މުޅި މާހައުލާ އެއްވަރަށް ފުލުހުން ފައި ހަމަނުކޮށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެ: ހޯމް މިނިސްޓަރ

މުޖުތަމައު އަމާން ސުލްހަވެރި ވެއްޓަކަށް ހެދުމަށް ހުރި ބޮޑެތި ގޮންޖެހުމަކީ ކުށްކުރާ މީހުން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. ދިވެހި ފުލުހުންނަށް ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނ...

02 Nov 2021 | 11:46

މުޖުތަމައު އަމާން ސުލްހަވެރި ވެއްޓަކަށް ހެދުމަށް ހުރި ބޮޑެތި ގޮންޖެހުމަކީ ކުށްކުރާ މީހުން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންނަށް ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމައު އަމާން ސުލުހަވެރި ވެއްޓަކަށް ހެދުމަށް ހުރި ބޮޑަތި ގޮންޖެހުމަކީ ކުށްކުރާ މީހުން ކަމަށެވެ.

ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލްހަވެރި އަމާން ވެއްޓެއް ނުގެނެވޭނެ ކަމަށް ވެސް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ލިބިފައިވާ ފުރުޞަތާއި، ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. މިދަތިކަން އޮތް ދުވަސްވަރު 2022 ވަނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއް." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭގޮތަކަށްނޫން ކަމަށާއި މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ ނޭދެވޭ އަސަރުކޮށްފައި ކަމަށެވެ. އަދި މިހާލަތުގައި ވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން، ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން ޤަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް