ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމަަށް މޯލްޑިވް ގޭސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް އެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ.
ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށެވެ. އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެއްމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީ އެވެ.
މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ޤާއިމުކޮށްގެން ނެވެ.
މި މަސައްކަތް ކުރެވިގެން ދާނީ އެމް.އެން.ޑީ.އެފްގެ ރެގިލޭޝަންސްތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށާއި މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސް އާއި ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް