އަލި މަނިކާއި ތަސްލީމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކުއާއި، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމްގެ ...

02 Nov 2021 | 08:22

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކުއާއި، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމްގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.

އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނީ ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރަނިކޮށް ނީލޯފަރު މަގާއި މަޖީދީ މަގު ގުޅޭ ކަންމަތިން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. ލިބުނު ޒަހަމްތަކަށް ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނު އަދި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވާފަ އެވެ.

އެ މައްސަލައިގަ އަލިމަނިކާއި ތަސްލީމަށް ދައުވާކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މިއަދާއި ހަމައަށް ބޭއްވި ދެ އަޑުއެހުމުގައި އެމީހުންނަށްވަނީ ވަކީލަކު ހަމަޖައްސަށް ފުރަސަތު ދީފަ އެވެ. އެހެންވެ ބަންދުގެ މުއްދަތު ފަސްދުވަހަށް ޖަހަމުން އައިސްފަވާއިރު އަދިވެސް އަލިމަނިކު ވަކީލަކު ހަމައެއް ނުޖައްސަ އެވެ.

މިއަދުގެ އަޑުއެހުމުގައިވެސް ކުރީ ދުވަސްތަކެކޭ އެއްގޮތަށް ދައުލަތުން އެ ދުނީ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ސަބަބެއް ކަމަށް ދައުލަތުން ބުނީ ޖުތަމައަށް ނުރައްކާ ވުމާއި، ބަންދު ކުރެވޭ ވަރަށް ހެކި ގަރީނާ ހުރުމުންނެވެ.

އެ ދެމީހުންވެސް މިއަދުގެ ޝަރީއަތުގައި ވަނި ޝަރުތުތަކަކާއި އެކު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ކުރިންވެސް ދެމީހުންގެ ކުށުގެ ރެކޯޑު އޮތުމާއި އަމަލު ކޮށްފައިވާ ގޮތުގެ އިތުރުން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ ތެރެއިން ތަސްލީމް އަކީ އެ ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހުރި މީހާ ކަމަށް މީގެ ކުރިން ފުލުހުން ހާމަކުރި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މީގެ ކުރިން ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، އެ މީހުންގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް