ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ދެ މެޗު ޒެނިތު ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ އިން ކާމިޔާބުކޮށްފި އެވެ.
މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ އިރު، މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
އެގޮތުން ރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ ދެޓީމު ކަމަށްވާ ޒެނިތް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ޔުނިޓީ އެވެ. މި މެޗު 43 ޕޮއިންޓު 26 ޕޮއިންޓުން ކާމިޔާބު ކުރީ ޒެނިތް އެވެ.
މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޒެނިތް ގެ އައިމިނަތު ރުދެއިނާ އެވެ.
ރޭ ދެވަނަ މެޗުގައި ގްރޫޕް ބީގައި ހިމެނޭ ސްކައިލާރކް އާއި ޝައިނިންގ ސްޓާރ ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޝައިނިންގ ސްޓާރ އެވެ. މި މެޗު 83 ޕޮއިންޓު 4 ޕޮއިންޓުން ޝައިނިންގ ސްޓާރ ކާމިޔާބުކުރި އިރު، މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ލިބުނީ ޝައިނިންގ ސްޓާރގެ އައިމިނަތު އައިނީ އަށެވެ.
މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. އެގޮތުން 19:45 ގައި ފަށާ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ކްލަބް މެޓްރިކްސް އާއި ކޭވައިއާރްސީ އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ލޮރެންޒޯ އާއި ގްރީން ސްޓްރީޓްސް އެވެ. ގްރޫޕް ބީގެ މި މެޗު ފަށާނީ 21:30 ގަ އެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ 19:45 އަދި 21:30 އެވެ. ހުކުރު ދުވަހު ހަވީރު 16:30 ގައި ވެސް މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 10 ވަނަ ދުވަހުގެ ރެ އެެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭ ގެ ދެވަނަ ޓީމެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުން ވަނީ ހިލޭ ހުޅުވާލާފަ އެވެ.
އެހެންނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާންޖެހޭނެ ކަމަށާއި ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މާސްކު އަޅައިގެން ތިބުމަށް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް