ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނައިބު ނުހިމެނޭގޮތަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުކުރުމަށް މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.
ޖޭއެސްސީ ގައި މިހާރު މެންބަރު ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބު ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ އިއްވަވާފަ އެވެ.
ތޯރިގު ހުށަހެޅުއްވި އިސްލާހުގައިވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމަށާއި ކޮމިޝަންގެ މެންބަރުންގެ މުއްދަތު ކަނޑައަޅާފައިވާ 161 ވަނަ މާއްދާ އާއި މެންބަރުކަމުން އިސްތިއުފާ ދޭނެ ގޮތް ކަނޑައަޅާފައިވާ 162 ވަނަ މާއްދާ އާއި އެ ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ 164 ވަނަ މާއްދާ އާއި މެންބަރުކަމުން ވަކި ކުރެވޭނެ ގޮތް ކަނޑައަޅާފައިވާ 165 ވަނަ މާއްދާ އަށެވެ.
ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހުގައި ޖޭއެސްސީގެ މެންބަރުންގެ އަދަދު އަށަކަށް މަދުކުރުމަށާއި އެ ކޮމިޝަން އެކުލެވިގެންވަނީ ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރި ކަމާއެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އެބައިމީހުން އިންތިޚާބު ކުރާ މީހަކު، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ ގާނޫނީ ވަކީލަކު، އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ އަންހެން ގާނޫނީ ވަކީލަކު، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިޚާބުކުރާ ދާރިސަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިޚާބު ކުރާ މީހެއްގެ މައްޗަށް ކަމަށް މެމްބަރު ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން، އިންތިޚާބު ކުރާ މީހަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިޚާބު ކުރާ މީހަކު ހިމެނެން ވާނެ ކަމަށް ވެސް ތޯރިގުގެ އިސްލާހުގައި ބުނެފައި ވެއެވެ.
ގާނޫނު އަސާސީގެ 161 ވަނަ މާއްދާއަށް ތޯރިގު ގެންނަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށާއި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 162 މާއްދާ މިހާރު ބުނާގޮތުން ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސީޓީ ރައީސުލްޖުމްހޫރިްޔާ އަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެ އެވެ. ނަމަވެސް މެންބަރުކަމުން އިސްތިއުފާ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބު ފިޔަވައި ދެން ތިއްބެވި މެންބަރުންނަށް ކަމަށް ވަނީ ބުނެފަ އެވެ.
ތޯރިގުގެ އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު ވަކވީކަމަށެވެ.
މީގެ އިތުރުން 164 ވަނަ މާއްދާއަށް ތޯރިގު ހުށަހަޅުއްވާފައިވަނީ ޖޭއެސްސީއަށް އަންޔަންކުރާ މީހުންނަށް މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަމަށެވެ. މި މާއްދާގައި މިހާރުވާ ގޮތުން ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ، ނުވަތަ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމުގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަަމަށެވެ.
މަޖިލިސް ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނާއިބު ކޮމިޝަނުންގެ މެންބަރުކަމުން ވަކި ވަނީ، އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ މަގާމުތަކުން ވަކިވެގެން ކަމަށާއި، ދެން ތިއްބެވި ބޭފުޅުން ވަކި ކުރާނީ އެމީހަކު ކޮމިޝަނަށް އައްޔަންކުރި ފަރާތުން ކަމަށް 165 ވަނަ މާއްދާގައި ބުނެފައި އޮންނައޮތުން ބަދަލުކުރުމަށް ވެސް މެމްބަރު ތޯރިގު ވަނީ ހުށަހަޅުއްވާފަ އެވެ.
އެގޮތުން ޖޭއެސްސީއަށް އަޔަން ކުރާ މީހުން މަގާމުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުން ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް