ނަރުސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮޮނުވައިފި

ދަންޖެހިގެން މަރުވީ ކަމަށްބުނެ ހޮސްޕިޓަލަށް ގެންދިޔަ އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ. މި ހާދިސާ ހިނގީ މިދިޔަ ހަފްތާގެ ހ...

02 Nov 2021 | 04:25

ދަންޖެހިގެން މަރުވީ ކަމަށްބުނެ ހޮސްޕިޓަލަށް ގެންދިޔަ އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ.

މި ހާދިސާ ހިނގީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ އެވެ. މޭރީ އަކީ އައިޖީއެމްއެޗުގެ ޑަޔަލަސިސް ޔުނިޓުގައި މަސައްކަތް ކުރި މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޭރީގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ފޮނުވީ އިއްޔެ ކަމަށެވެ. ޕޯސްޓުމޯޓަމް ހަދަން ފޮނުވީ އިންޑިއާ އަށެވެ.

ފުލުހުން މޭރީގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފެށީ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ނެތުމާއި ފުލުހުން ދިއުމުގެ ކުރިން ދަންޖެހުނު ކަމަށް ބުނާތަން ސާފުކޮށްފައި ހުރުމުން ޝައްކު އުފެދިގެންނެވެ. އޭނާ ދަންޖެހުނު ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިން އެވެ.

ފިލިޕިންސްގެ އެ ދެމަފިރިންނަކީވެސް އައިޖިއެމްއެޗުގައި މަސައްކަތް ކުރި ނަރުހުންނެވެ. މި މައްސަލައިގަ 29 އަހަރުގެ މާވިން ވަނީ މޭރީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އަދި ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ވަނީ މާވިން އުޅުނީ އައިޖިއެމްއެޗުގައި މަސައްކަތް ކުރާ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް މީޑިއާގައި ބުނެފަ އެވެ. އަދި އެ ދެމީހުންގެ ގުޅުމަކީ މޭރީއަށް އެނގޭ ގުޅުމެއް ކަމަށާއި އާންމު ތަންތަނުގައިވެސް ދިވެހި ނަރުހާ، މާވިން އުޅުނީ ވަރަށް ފާޅުގައި ގައިގޯޅި ކޮށް ކަމަށް ބުނެފައިވެ އެވެ.

މޭރީގެ މަރާއި ގުޅިގެން މިހާރު ފުލުހުން ވަނީ މާވިންގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓާފަ އެވެ. އެކަމަކު އެކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

އެ ދެމީހުންގެ ދަރިއަކު ހުރި އިރު މަންމަ މަރުވެ ބައްޕަ ހައްޔަރު ކުރުމުން އެ ކުއްޖާ އާއި ހަވާލުވީ މަންމަ ފަރާތު އާއިލާއިންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް