ރާއްޖޭގެ ރަށްތައް އަޑިއަށްދާ ވާހަކައިގެ އަޑު ދުނިޔެއިން ނާހާތީ ރައީސް ސޯލިހު ކަނބޮޑުވުން!

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކޮށް ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުނާހާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބ...

02 Nov 2021 | 04:06

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކޮށް ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުނާހާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިކަމާއި ގުޅޭގޮތުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވީ އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގެ ވޯލްޑް ލީޑާސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓް ކުރިޔަށް ދަނީ ސްކޮޓްލޭންޑުގައި އެވެ.

އެ ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ލީޑަރުންނާއި އިއްޒަތްތެރިންނާ ޙިއްޞާކުރައްވާފަވާ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނުއަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާކަމަށެވެ.

ރާއްޖޭގައި އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލަ ގިނަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަޤީޤަތްކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މައްސަލަތައް ފާހަގަވީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި އެވެ.

އެ ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން 1.5 ގައި ނުހިފެހެއްޓި ފިނިހޫނުމިން 2 ޑިގްރީއަށް މައްޗަށް ދިޔަ ނަމަވެސް، ރާއްޖެ ދެމިއޮތުމަށް ހިޔަނި އެޅިގެންދާނެކަމަށެވެ. އަދި ހަމަ ދުނިޔޭގެ އެހެން ޤައުމުތަކާވެސް އެ ހަޤީޤަތާ ކުރިމަތިލާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކަލުގެ ޙާލަތުން ހަމައެކަނި އެއް ޤައުމަކުން ކުރާ މަސައްކަތުން ޙައްލެއް ނުހޯދޭނެ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕެރިހުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް ގޮވާލައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ގައުމުތައް އެއްގަލަކަށް އަރައި، އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިވާން ޖެހޭކަމަށް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ރާއްޖެފަދަ ނާޒުކު ޙާލަތުގައިވާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެއްބަސްވެފައިވާ ގޮތަށް ޒިންމާދާރުކަމާއެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވެވަޑައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ކުރިމަތިލާޖެހިފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ލިބޭ އެންމެ ފަހު ފުރުޞަތުކަމަށް ވެދާނެކެ ކަމަށެވެ. އެހެންވެ މި ފުރުސަތު ބޭކާރުވެގެން ދިޔަ ނުދިނުމަށް ދުނިޔޭގެ ލީޑަރުންނަށް ހަނދާންކޮށްދެއްވައި އިލްތިމާސްކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް