މި މަހު 20 ވަނަ ދުވަހު ފަށާ "ކުލަބް މޯލްޑިވްސް ކަޕް" ގެ ގުރު ނަގައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މިމަހުގެ 20 ވަނަ ދުވަހު ފަށާއިރު، މި މުބާރާތުގެ ގުރު ނެގުން ރޭ ކުރިޔަށް ގެންގޮސްފިއެވެ. ކުލަބް މޯލްޑިވްސް ކަޕްގެ ގު...

02 Nov 2021 | 03:49

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މިމަހުގެ 20 ވަނަ ދުވަހު ފަށާއިރު، މި މުބާރާތުގެ ގުރު ނެގުން ރޭ ކުރިޔަށް ގެންގޮސްފިއެވެ.

ކުލަބް މޯލްޑިވްސް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތު ރޭ ކުރިޔަށް ގެންދިޔައިރު، މި ރަސްމިއްޔާތު ކުރިޔަށް ދިއައީ ރޭ ޓީވީއެމްގަ އެވެ. މި ފަހަރުގެ މުބާރާތް ވެސް ކުރިއަށްގެންދަނީ ޔޫތު މިނިސްޓްރީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެހީތެރިކަމާ އެކު އެވެ. ރޭ ޓީވީއެމްގައި ކުރިޔަށް ގެންދިޔަ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވަނީ ކްލަބް މޯލްޑިވްސްގެ އާ ލޯގޯ ވެސް ލޯންޗްކޮށްފަ އެވެ.

އަންހެން އަދި ފިރިހެން ޓީމުތަކަށް ވެސް ފުރުސަތު ހުޅުވާލައިގެން ސަރުކާރުގެ އޮފީސް ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ޤަވައިދުން ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ނުވާއިރު، މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ނުވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. މިއަހަރުގެ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.

މި މުބާރާތުގައި ފިރިހެން ކެޓަގަރީން ޖުމްލަ 32 ޓީމުން ބައިވެރިވެފައި ވާއިރު، އަންހެން ކެޓަގަރީން ވެސް ވަނީ އަށް ޓީމަކުން ބައިވެރި ވެފައެވެ.

ކްލަބް މޯލްޑިވްސް ކަޕް 2021 ގެ ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ: އުރީދޫ، ކަސްޓަމްސް، މީޑިއާނެޓް، އެމްއޭސީއެލް

ގްރޫޕް ބީ: ޕޮލިސް ކްލަބް، އެލައިޑް، ޓްރޭޑް ކްލަބް، އެޗްއާރްސީ

ގްރޫޕް ސީ: ކްލަބް ވެމްކޯ، ސްޓެލްކޯ، ޔޫތު މިނިސްްޓްރީ، ސިޓީ ކައުންސިލް

ގްރޫޕް ޑީ: ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބް، އާރްޑީސީ، ކްލަބް އެޗްޑީސީ

ގްރޫޕް އީ: އިމިގްރޭޝަން، ދިރާގު، އެފްއެސްއެމް، ޓީމް އެމްއެންޕީއެޗްއައި

ގްރޫޕް އެފް: ޕްރިޒަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ، ޓީމު ފެނަކަ، އާރްއޯއެލް

ގްރޫޕް ޖީ: އެމްޕީއެލް، ޑީއެސްސީ، ސިވިލް ކޯޓު، ކްލަބް 220

ގްރޫޕް އެޗް: އެސްޓީއޯ، އެމްޓީސީސީ، އެމްއެމްއޭ ސޯޝަލް ކްލަބް، މޯލްޑިވް ގޭސް

މުބާރާތުގައި ބައިވެރިވި އަންހެން ޓީމުތައް

ގްރޫޕް އޭ: ޕޮލިސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ސިޓީ ކައުންސިލް، ޓްރޭޑް ކްލަބް.

ގްރޫޕް ބީ: އެމްޕީއެލް، ޓީމް ފެނަކަ، ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ.

މި ފަހަރުގެ މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މައިލޯގެ އިތުރުން އުރީދޫ މޯލްޑިވްސް އާއި އެމްޓީސީސީ އަދި އެލައިޑް އިންޝިއުރެންސް އެވެ.

2006 ވަނަ އަހަރު ބާއްވަން ފެށި ކްލަބް މޯލްޑިވްސް ކަޕްގެ 14 މުބާރާތެއް މިހާތަނަށް ކުޅެފައިވެއެވެ. މިއަހަރު މެއިމަހުގައި ފެށުމަށް ތާވަލްކުރި މި މުބާރާތަކީ ކުލަބު މޯލްޑިވްސް ކަޕްގެ 15 ވަނަ މުބާރާތެވެ. އަދި އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ 11 ވަނަ މުބާރާތެވެ.

އެންމެފަހުން ކުލަބް މޯލްޑިވްސް ކަޕް މުބާރާތް ބޭއްވި 2019 ވަނަ އަހަރުގެ ފިރިހެން ޑިވިޝަނުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލްއެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެވެ.

މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އެސްޓީއޯ އެވެ. އެޓީމުން ވަނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންއަށް ބަލާއިރު، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނެވެ. އެޓީމުން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމް ބޮޑު ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕް އެންމެ ފަހުން ބޭއްވީ ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ޓާފް ފުޓްސަލް ދަނޑުތަކުގަ އެވެ. 2018 ވަނަ އަހަރުގެ ނިޔަލަށް އެ މުބާރާތް ކުރިއަށްގެންދިޔައީ މާފަންނުގައި އޮންނަ ވެލި ފުޓްސަލް ދަނޑުތަކުގަ އެވެ. ކްލަބް މޯލްޑިވްސް ކަޕަކީ ޓީމުތަކުން ދުރާލާ ތައްޔާރުވަމުން އަންނަ ސަޕޯޓަރުންގެ ތަރުހީބު ބޮޑު މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް