ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ކުށުގެ ދައުވާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވި ފަނޑިޔާރުންގެ އޯޑިއޯގެ ފޮރެންސިކް ތަހުގީގު ނިންމުމަށް ފަހު ފުލުން އޭގެ ރިޕޯޓު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ތަހުގީގު ކުރީ އެ އަޑުތަކަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަމީރު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދު އަޑު ކަން ކަށަވަރު ކުރުމަށެވެ. އެއީ ސޯޝަލް މީޑިއާގައި އެ އޯޑިއޯގައި ބުނެފައިވަނީ އެއީ އެ ތިން ފަނޑިޔާރުންގެ އަޑު ކަމަށެވެ.
ފުލުހުން ފޮނުވި ރިޕޯޓާއި ހަވާލާދީ ޖޭއެސްސީން ބުނީ ފަނޑިޔާރު އަލީ އާދަމް އާއި ފަނޑިޔާރު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. ޖޭއެއްސީން ބުނޫ އެ ދެ ފަނޑިޔާރުންގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ފާއިޒުގެ އަޑު ދިމާވާކަމަށް ފޮރެންސިކް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެކަމަކު އެ އޯޑިއޯއަކީ ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަންވެސް ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.
އެކަމަކު އެ އަޑަކީ ފަނޑިޔާރު ފާއިޒްގެ އަޑު ކަމަށް އިންކާރު ކުރެއްވިޔަސް ފޮރެންސިކް ތަހުލީލުތަކުން އަޑު ދިމާވެފައިވާތީ ޖޭއެއްސީގެ އިސްނެގުމަށް އެ މައްސަލަ ތަހުގީގު ކުރަން ވަނީނިންމާފަ އެވެ.
ފަނޑިޔާޜު ފާއިޒްގެ އޯޑިއޯ ތަހުގީގު ކުރަން ނިންމީ އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ އެވެ. އަދި އެގޮތަށް ފަނޑިޔާރު އަމަލު ބެހެއްޓެވުމުގެ ސަބަބުން ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ގޮތަށް އޯޑިއޯތަކެއް ހަދައިގެން ދައުރު ކުރުމުގެ އަމަލު ހިންގުމަށް މަގު ފަހިވެގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.
ޖޭއެސްސީން ވަނީ ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަޙަ ނޫން އޯޑިއޯތަކާއި އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް ކުރުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް