ގދ. ތިނަދޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަ...

02 Nov 2019 | 14:07

ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބަތް ރަވަންޕޫރާ އެވެ.

އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ  38،636،650.20 ދިވެހި ރުފިޔާއެވެ. މި މަސައްކަތް ނިމުމުން ގދ. ތިނަދޫގެ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ތިނަދޫގައި 2 މެގަވޮޓްގެ ސޯލާރ ފާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ތިނަދޫ ކައުންސިލާއި މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.  އަދި ތިނަދޫ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓާރ އެއް ބެހެއްޓުމަށް މިއަދު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

މިނިސްޓަރ ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ތިނަދޫ ކައުންސިލާއި ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ މަނިކުފާނު ވަނީ ތިނަދޫގެ ކުޅި އާއި ކުނި މެނޭޖްކުރާ މަރުކަޒާއި ރަށް ގިރަމުންދާ ސަރަހައްދު އަދި ތިނަދޫގެ ފެން ޕްލާންޓާއި ނަރުދަމާ ނިޒާމު ބައްލަވާލައްވާފައެވެ. އަދި ތިނަދޫގެ ޕަވަރ ހައުސް އާއި ސްޓޯމް ވޯޓަރ ޕަމްޕިންގ ސްޓޭޝަންވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް