އެއްވެ އުޅުމުގެ މިނިވަންކަމާއި ހިލާފަށް އެއްވާކަށް ފުރުސަތެއް ނުދެވޭނެ: ފުލުހުން

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ...

02 Nov 2019 | 10:41

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިޔަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ މިފަދައިން ފުލުހުން އިލްތިމާސްކުރި ދެވަނަ ފަހަރެވެ.

https://twitter.com/PoliceMv/status/1190545443517861890?s=20

މިދިޔަ މަހުގެ ތެރޭގައިވެސް ފުލުހުން ވަނީ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ބައެއް ފަރާތްތަކުން މިފަހަކަށް އައިސް އެއްވުންތައް އިންތިޒާމު ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެއްވެ އުޅުމުގެ ގާނޫނުގެ އިމުން ބޭރުން ބައެއް ފަރާތްތަކުން އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަޑުގަދަ ކުރާ ބޭނުން ކޮށްގެން އުޅަނދުބުރު ބޭއްވުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ކުއްލި އެއްވުމުގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަން މަސައްކަތް ކުރަމުންދާކަންވެސް އެ މުއައްސަސާއަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ގާނޫނާއި އެއްގޮތަށް ބާއްވާ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. ފުލުހުން ވަނީ ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ އިމުގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދައިން އަމަލު ނުކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު މި ދުވަސްވަރަކީ އިސްލާމްދީނަަށް ފުރައްސާރަކޮށްގެން އެމްޑީއެން ނަމަކަށް ކިޔާ ޖަމިއްޔާއަކުން ރިޕޯޓެއް ނެރެ އެކަމާއި ދެކޮޅަށް އާއްމުން އަޑު އުފުލަމުން އަންނަ ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް