ށ. ޅައިމަގުގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނުނު ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ލުތުފަރު މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މި ހަފުތާއަށް ތާވަލުކޮށްފިއެވެ.
އެ މައްސަލަ ތާވަލުކޮށްފައިވަނީ މި ނޮވެމްބަރ މަހުގެ 4 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ.
އޭނާގެ މަރުގެ މައްސަލައިގާ ދައުލަތުން ދައުވާ ކުރަނީ "ކުރިމަގު" ބޯޓުގައި ލުތުފަރާއެކު މަސައްކަތް ކުރި ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށެވެ.
އެނގިހުރެ މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަހްތަރު ހުސެއިން މީގެ ކުރިން މި މައްސަލައިގާ މި މީހުން ކުށަށް އިއުތިރާފުވެ، ޕީޖީއާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާފަދަ ކުށުގެ އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި ބޭއްވި އެންމެ ފުރަތަމަ އަޑުއެހުމުގައި އެ ތިން މީހުން ވަނީ އެމީހުން ކުށަށް އިއުތިރާފްވެފައިވަނީ ފުލުހުން އެމީހުންނަށް އަނިޔާކޮށް ބިރުދެއްކުމުން ކަމަށް ބުނެފައެވެ.
އެމީހުން ދައުވާއަށް އިންކާރުކޮށްފައިވާތީ ޕީޖީން ވަނީ ލުތުފަރު މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ފުރިހަމަ ކުރަން އިތުރު މުއްދަތެއް ދިނުމަށްވެސް ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ޕީޖީން އެގޮތަށް އެދުމުން ކްރިމިނަލް ކޯޓުން އޭރު ވަނީ އެ މައްސަލައިގެ ގަޒިއްޔާ ބާތިލުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލާފައިވަނީ ކުރިމަގު ބޯޓުގެ ތައްޓު މައްޗަށް އޭނާ ވައްޓާލާ ނޭވާ ހާސްކޮށްގެން ކަމަށެވެ.
އޭނާ މަރާލި މައްސަލައިގާ ހައްޔަރުކުރި މީހުން އޭނާ މަރާލާފައިވަނީ އެއްޖިންސުން ގުޅުންހިންގާ ކަމަށް ބުނެފައިވާ ކަމަށާއި ލުތުފަރު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑު ކަނޑު ފައްތާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް