ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި "ވިކްޓްރީ ރަން" ބާއްވައިފިއެވެ.
މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ "ވިކްޓްރީ ރަން" ފަށާފައި ވަނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށެވެ.
މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. މި ދުވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްެއެންޑީއެފުން ބޭއްވި "ވިކްޓްރީ ރަން" ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މިއަދު ހެނދުނު ބާއްވާފައެވެ.
“ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. އަދި ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް