ރޭ ދެބައިވެއްޖެއެވެ. މުޅިރަށަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ހަނދުވަރުގެ އަލިން އަލިކުރަމުން އައި ފަޒާގައިވާ އަލިކަން މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ބޯ، ކަޅު ވިލާތަކުން މުޅިޖައްވު ފޮރުވާލައިފިއެވެ. ހަމަ ދެންމެ ދެންމެ ވާރޭގެ ބަރު ތިކިތަކުން މުޅި މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލައި، ހަލަބޮލި ކޮށްލާނެހެން ހީވެއެވެ. ރަށަށް ވެރިވަމުން އައި ކަޅުފޮއި އަނދިރިކަން ގަދަވި ވަރަކަށް ވިދާލާ ވިދުވަރާއިއެކު ޖަހާލާ ގުގުރީގެ އަޑުވެސް ދިޔައީ ގަދަވެ އިތުރު ވަމުންނެވެ. ހަމައެއާއެކު ވައިގަދަވެ، މުޅި ރަށަށް ވަރުގަދަ ތޫފާނެއް އަތުވެދާނެހެން ހީވެއެވެ.
މޫސުން ބަދަލުވެފައިވާ ކަޅުފޮއި އަނދިރިކަމުގެ މިދަންވަރުގައި ބޭރަށް ނުކުމެއުޅޭނީ ކާކުހެއްޔެވެ؟ އަދި ހާއްސަކޮށް ރަށުގެ ގަބުރުސްތާނުގައި މި ވަގުތު އިންސާނަކު ހުރެދާނެއޭ ހިތެއް ނުބުނެއެވެ. އެހެނަސް ކަންތައްތައް އަބަދު ހިނގާނީ ގިނަ މީހުން ވިސްނާގޮތަކަށް ނޫނެވެ. އަތުގައިވާ ކުޑަކުޑަ ޓޯޗެއްގެ އެހީގައި އަލިކަން ލިބިގަނެގެން ގަބުރުސްތާނުގެ އެންމެ އުތުރަށްހުރި މަހާނަ ކައިރީގައި ދެމީހަކު އެބަތިއްބެވެ. ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ވިދާލާ ވިދުވަރާއެކު ޖަހާލާ ގުގުރިން މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލާފައި ވިޔަސް އެ ދެ މީހުންގެ ދެމެދުގައިވަނީ އަޖައިބެއް ކަހަލަ ހަމަހިމޭންކަމެވެ.
" ހާމިދުބޭ. އަދިވެސް ވަގުތު ނުޖެހޭތަ؟. " ނާއަވަސްވެ، ބިރުވެރިކަމުގެ އިންތިހާ އިހުސާސް ކުރަމުންދާ ނާއިލް، އުޑަށް ނަޒަރު ހުއްޓާލައިގެން ހުރި ހާމިދާ ކެއްތެރިކަން ކުޑަ ގޮތަކަށް ސުވާލުކޮށްލިއެވެ. ހާމިދު އަތުގެ އިޝާރާތުން ނާއިލަށް އެންގީ ހިމޭނުން ހުރުމަށެވެ. އޭރު ނާއިލްގެ ހިތުގައި ތަފާތު އެތައް ވަހުމްތަކަކާއި ހިޔާލުތަކެއް އެނބުރެމުން ދިޔައެވެ. މި ވަގުތު މި ކުރެވެން އުޅޭ ކަންތަކުގެ ނާޒުކުކަމާއި، ބިރުވެރިކަމެވެ. ދުނިޔެ މައްޗަށް ކުއްލިއަކަށް ވެރިވި ބޯ ވިއްސާރަ ވިލާތަކާއި ވިއްސާރައިގެ އަލާމާތްތަކެވެ.
އުޑަށް ބަލަހައްޓައިގެން ހުރި ހާމިދުގެ ނަޒަރު ނާއިލަށް ސީދާކޮށްލިއެވެ. ނާއިލަށް ބިރުން ތެޅިގަނެވުނެވެ. އެފަނޑު އަލިކަމުގައި ހާމިދުގެ ދެލޯހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ.
" އަނެއްކާ މިވަނީ ކީއްބާ؟ ހާމިދުބޭގެ ހަށިގަނޑަށް ޖިންނިއެއް ނޫނީ ރޫހެއްވަނީބާ. އެކަމަކު މިއީ މިކަމުގައި ހާމިދުބޭ އިޝާރާތްވެސް ކޮށްފަ އޮތް ވާހަކައެއް ނޫން " ނާއިލްގެ ސިކުނޑީގައި މި ފިކުރުތައް ހިނގައިގަތުމާއެކު މަޑުމަޑުން ފަހަތަށް ޖެހެވެން ފެށިއެވެ. މީހާ ބިރުން ތުރުތުރުލާން ފެށިއެވެ. މިރޭ މިގަބުރުސްތާނަށް ވަން ފަހުން އަދި ވާހަކައެއް ނުދައްކާ ހުރި ހާމިދު ވާހަކަދައްކަން ފެށިއެވެ.
" ނާއިލް ބިރުނުގަނޭ. މަށަށް އިތުބާރު ނުކުރަނީތަ؟ އަދި މިކަމުގައި އެއްވެސް ގޯހެއްނުވޭ. މަ މިހުރީ ފުރިހަމަ ބާރާއެކު. މަސައްކަތުގެ މުޙިންމު ވަގުތު މިހާރު މި ޖެހެނީ ". ހާމިދުގެ ވާހަކަތަކާއެކު ނާއިލަށް މަޑުމަޑުން ހަމަޖެހިލެވުނެވެ. އޭނާ ވިސްނާލިއެވެ. އާނއެކެވެ. ހާމިދަކީ މިހާރު ޒަމާން ބަދަލުވެ ތަހުޒީބުވެފައިވާ މިރާއްޖޭގައި ދެވަނައެއް ނެތްފަދަ ސިހުރުހާހޫރައާއި ފަންޑިތަ ހަދާ މީހެކެވެ. ކުރާ މަސައްކަތަށް ބޮޑު އުޖޫރައެއް ނަގާ، މަސައްކަތް ސައްތައިން ސައްތަ ކާމިޔާބުކުރާކަމަށް ނަން މަޝްހޫރު މުއްސަންޖެކެވެ. އެހެންވީމާ އޭނައަށް އިތުބާރު ނުކުރަންވީ ސަބަބެއްނެތެވެ. އަދި ނާއިލަށް މިފަދަ ކަމަކާ ކުރިމަތިލެވުނީވެސް، ހާމިދަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންކަން ޔަގީނެވެ.
ހާމިދުގެ ވާހަކަތަކަށް ފަހު އަނެއްކާވެސް އެދެމެދަށް ވެރިވީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެހަމަހިމޭންކަމާއި، ނާއިލްގެ ފިކުރުގެ ވާފަށް ކަނޑާލީ އަނެއްކާވެސް ހާމިދުގެ މުސްކުޅިއަޑެވެ. " ނާއިލް... މިހާރު މި ވަގުތު ޖެހުނީ. މަގޭ އިޝާރާތާއެކު މިހިރަ މަހާނަ މަތީގައި ހުރި ދޮންވެލި ފަހާ، ގަބުރުސްތާނުގެ ކަޅުވެލި ފަސް ގުޅޭ ހިސާބު ކޮންނަން ފަށާތި. މަ ޓޯޗުން އަލިކޮށްދޭނަން. އަދި ބުނަން ބިރުން ހުރެ ނުކޮންނާތި. އާދަޔާ ޚިލާފު އެއްޗެއް އަތުގަ ޖެހުނު ކަމުގެ އިހުސާސް ވިޔަސް ތެޅިނުގަންނާތި. ރަނޑު އަންހެނެއްހެން ހަޅޭއް ނުލަވާތި." ހާމިދުގެ ވާހަކަތަކުން ނާއިލަށް މަލާމާތުގެ އަސަރުފާޅުވެގެން ދިޔައެވެ.
އަނެއްކާވެސް ނަޒަރު އުޑަށް ހުއްޓިފައިވާ ހަމަހިމޭންކަމުގެ ވަގުތު ކޮޅަކަށް ފަހު ހާމިދު ޖީބަށް އަތް ބާނައި، ތުނޑުހިމަ ފިޔޮއްސެއް ނަގައިފިއެވެ. އޭރު ހާމިދުގެ ތުންފަތް ހަރަކާތްކުރަމުން ދެއެވެ. އޭނާ ކޮންމެވެސް އެއްޗެއް ކިޔަވަނީއެވެ. މާގިނަ އިރުތަކެއްނުވެ، ކުރިއަށް އަތްދަމާލުމަށްފަހު ފިޔޮހިން އަތުގައި އަޅާ ދަމާލިއެވެ. އެއާއެކު އަތުން ލޭ ފާއްދާލައި، ރޮނގަކަށް ދެމި އެކުވެގެން ލޭ ތިކިތައް ބިންމައްޗަށް ޖަހަން ފަށައިފިއެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއާއެކު، މިމަންޒަރުބަލަން ހައިރާންވެފައި ހުރި ނާއިލް ސިއްސައިގެން ދިޔައެވެ. އެހެނަސް ހާމިދަށް ބަދަލެއްވެސް ނާދެއެވެ. އޭނާއަށް ގުގުރީގެ އަޑު ނުއިވޭ ކަހަލައެވެ.
" ކޮންނަންފަށާ! " ޖީބުންނެގި ކުޑަ ރުމާލަކުން އަތުން ލޭމަނާކުރަން މަސައްކަތްކުރަމުން ހާމިދު، ނާއިލަށް އޭނާގެ މަސައްކަތް ފަށައިގަތުމަށް އިޝާރާތް ކުރިއެވެ.
-- ނުނިމޭ --
ލިޔުންތެރޔާގެ ނޯޓް: މިއީ ކުރިން މަނަދޫލައިވް.ކޮމް ގައި "ތަފާތެއްވެޔޭ..." ގެ ނަމުގައި ޝާއިޢު ކޮށްފައިވާ ވާހަކައެކެވެ. މި ވާހަކައާ ގުޅުވާލައިގެން ލިޔާ ދެވަނަ ވާހަކައެއް ލިޔަމުން ދާތީ، އެ ވެބްސައިޓްއަށް މިހާރު ނުވަދެވޭތީއާއެކު ދެވަނަ ބައި ގެނެސްދިނުމުގެ ކުރިން ފުރަތަމަ ބައި ކިޔުންތެރިންނާ ހިއްޞާކޮށްލަމެވެ. މި ވާހަކައިގެ އައު ބައެއް ކޮންމެ ބުރާސްފަތި ދުވަހުގެ 09:00ގައި މި ނޫހުގައި ގެނެސްދެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް