ރ. އުނގޫފާރުން ބުޅާ މަދުކުރުމަށް ފައިސާ ދީގެން ބުޅާ މެރުމުގެ ޕްރޮގްރާމެއް އިއުލާނުކޮށްފައިވާއިރު އެ ޕްރޮގްރާމް ހުއްޓާލުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭއިން މިކަން އަންގާފައިވަނީ އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީއަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ ބުޅާ މަދު ކުރުމަށް ތިޔަ ރަށުގައި ހިންގުމަށް ތިޔަ ކައުންސިލްގެ ފަރާތުން ނިންމަވައި 30 ނޮވެމްބަރު 2019ގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ރޭވިފައިވާ ގޮތަކީ ބުޅަލަށް އަނިޔާކޮށް އެތަކެތީގެ ނަސްލު އެކީގައި ނެތި ހިނގައިދާނެފަދަ ގޮތަކަށް ރޭވިފައިވާ ހަރަކާތެއް ކަމަށް އެ އޭޖެންސީއަށް ފާހަގަކުރެވޭ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ގާނޫނު ނަންބަރު 2014/09 (ގާނޫނުލްއުގޫބާތު)ގެ 625 ވަނަ މާއްދާގައި، އަނިޔާވެރިކަމާއެކު ޖަނަވާރަކާމެދު އަމަލުކުރުމަކީ ޖުނަހްގެ ތިންވަނަ ދަރަޖައިގެ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެހެންކމުން މި ހަރަކާތް ކުރިއަށްގެންދިއުން ހުއްޓާލުމަށްފަހު، މި އެޖެންސީއާއި ކަމާގުޅުންހުރި ސަރުކާރު ވުޒާރާތަކާ މަސްވަރާކޮށް ބުޅާ މަދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާގުޅޭގޮތުން ގޮތްތަކެއް ނިންމަވައި، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ދަންނަވާކަމަށެވެ.
އުނގޫފާރު ކައުންސިލުން މިއަދު ވަނީ މި ޕްރޮގްރާމް ފަށާކަން ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ބުޅާ ހިފައި ކައުންސިލާ ހަވާލުކުރުމުން ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭނެ ކަމަށެވެ. އަދި އަމިއްލަ ބޭނުމަށް ބުޅާ ގެންގުޅޭނަމަ ގެންގުޅެންވާނީ އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް