ލުތުފީ ފިލި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވައިފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީ އޮފީހ...

02 Oct 2019 | 13:29

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ލުތުފީ ފިލި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދުވަސްކޮޅެއް ވަންދެން ލުތުފީ ބެހެއްޓިއެވެ. ނަމަވެސް އެއީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެގޮތަށް އޭނާ ބަހައްޓަން ޖެހުނީ ލަންކާގެ ކަމާ ގުޅުންހުރި އިދާރާތަކުން ލިބެންޖެހޭ ލިޔުންތަކެއް ނުލިބިގެން ކަމަށް އޭރު ހޯމް މިނިސްޓްރީއާ ފުލުހުން ވެސް ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ އަނބުރާ ރާއްޖެ ގެނައީ މިދިޔަ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭގައެވެ. އެރޭ މާލެ ގެނައި ގޮތަށް ފުލުހުން އޭނާ ކަރެކްޝަންސްއާ ހަވާލުކުރިއެވެ.

ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އޭގެފަހުން ލުތުފީގެ ހަބަރެއް ނުވެއެވެ. އެކަމުގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއާ ގުޅިގެން ދައުލަތުން ލުތުފީގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. މިހާރު އޭނާގެ ހުކުމްގައި ނުނިމި އޮތީ ހަތަރު އަހަރެއްހާއި ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް