މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން އަށް ފާރަލި ދެ ފުލުހުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރީ ރިލްވާންގެ މައްސަލާގައި ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންޓެލް ދެ ފުލުހުން ވަޒީފާއިން ވަކި ކުރީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އަތުން ފައިސާ ނަގާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
"އެމީހުންނަކީ މިހާރު ފުލުހުންނެއް ނޫން. އެމީހުން ވަކިކުރީ އެ މައްސަލައިގައެއް ނޫން. އަދީބު އަތުން ފައިސާތަކެއް ހޯދި މައްސަލައިގަ،" ކޮމިޝަނަރު ވިދާޅުވިއެވެ.
ރިލްވާން މައްސަލާގައި ހިމެނޭ ދެ ފުލުހުންނަކީ ޕޮލިސް ކޯޕްރަލްގެ މަގާމުގައި ހުރި މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެ މައްސަލަ ފެންމަތިވުމާއެކު އެ ދެ އޮފިސަރުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
ވަކިކުރި ދެ ފުލުހުން ވަނީ ރިލްވާން ސީރިއާގައި އޮންނަ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ކަމަށް ނިންމާ ޕާސްޕޯޓެއް ހަދަން މަސައްކަތް ކޮށްފައެވެ. އެގޮތުން އޭރުގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހަސަން އަލީއާ ވެސް ވަކިކުރި ދެ ފުލުހުން ވަނީ ބައްދަލު ކޮށްފައެވެ. އެކަން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން މިހާރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީން) ސަސްޕެންޑު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް