މިދިޔަ މަހު 20 ވަނަ ދުވަހު، ހ. ތިމާވެށި ނަމަކަށް ކިޔާ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު މީހުން ރޭވިގެން ދިން ޓެރަރިޒަމް ހަމާލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިސްވެރިންނާއި އެކު މިނިސްޓަރު އިމްރާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މުއިއްޒު އެފަދައިން ވިދާޅުވުމާއި ގުޅިގެން ފުލުހުން އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމް ހަމަލާއެއް ކަމަށް މުއިއްޒު ވިދާޅުވީ، އެއްވެސް މައުލޫމާތެއް ލިބިގެން ނޫން ކަމަށް ފުލުހުން މުއިއްޒާއި ސުވާލު ކުރެއްވުމުން ވިދާޅުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެއީ އަމިއްލައަށް ހީފުޅުވި އެއްޗެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ކަމަށް ފުލުހުން ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ބަޝީރު ވިދާޅުވީ ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު އެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަކަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެފަދަ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުގެން މިހާތަނަށް 118 އެޕާޓްމެންޓެއް ބަލާ ފާސްކޮށްފައިވާއިރު 27 ސީސީޓީވީ ފުޓޭޖް ނަގައި، 25 ފުޓޭޖް ބަލާ ދިރާސާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާނުގައި ގެއްލުންވި 20 މީހުންނާއި މަންޒަރު ދުށް 23 މީހަކާއި ސުވާލުކޮށް ބަޔާން ނެގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ މަހު 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް