އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ޔަމަން މީހެއް ކަމަށްވާ ޔާސިރު ޔަހުޔާ އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިސްވެރިންނާއި އެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ ޔަމަންގެ ޔާސިރު ޔަހްޔާއާ ޓެރަރިޒަމާ ގުޅުން ހުރިކަން ބައިނަލްއަގްވާމީ މީޑިއާތަކުން ވެސް އެނގެން އެބައޮތް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އިމިގްރޭޝަނަށް އެންގުމުން ކޮންޓްރޯލާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ރާއްޖެ ދޫކޮށް ދާން އެންގުމުން ޕާސްޕޯޓް ފޮރުވައި ރާއްޖެއިން ފުރަން އިންކާރު ކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި 2017ވަނަ އަހަރުން ފެށިގެން އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަނީ އެހެންވެގެން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި އޭނާ މިހާރުވެސް ފުރައިގެން ދާން ބޭނުންވާ ކަމަށްވާ ނަމަ އެކަން އޭނާއަށް މަގުފަހު ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޔަމަންގެ މީިހާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޔާސިރަކީ އެކި ގައުމުތަކުގަ ހިނގާފައިވާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އެތައް ދުވަހަކު ޖަލުގައި ވެސް ހޭދަކުރި މީހެއް ކަމަށެވެ. އެގޮތުން ޓެރަރިޒަމާ ގުޅުން ހުރި މީހުންނާ އޭނާއާ ގުޅުން އޮންނަކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މާލޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ގަވާއިދާ ޚިލާފުވާ ބިދޭސީން ބައިތިއްބާ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ގެންދިޔައީ މާޗް، 3، 2017، ގަ އެވެ. އޭނާ މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްގެ ސަބަބުން ހާލު ދެރަވެ މިހާރު އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް