އަލިފާނުގެ ހާދިސާގައި ސިފައިން ކުރި މަސައްތަކީ ޝުކުރު ހައްގު މަސައްކަތެއް: މާރިޔާ

މާލޭގައި މިދިޔަ މަސް ތެރޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާއާ އަދި މީގެކުރިންވެސް މާލެއާ އެހެނިހެން ސަރަހައްދުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް އެހެން ހާދިސާތަކުގައ...

02 Oct 2019 | 07:10

މާލޭގައި މިދިޔަ މަސް ތެރޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާއާ އަދި މީގެކުރިންވެސް މާލެއާ އެހެނިހެން ސަރަހައްދުތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް އެހެން ހާދިސާތަކުގައި ސިފައިން އަމަލުކޮށްފައިވާލެއް ފުރިހަމަކަމުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޝުކުރު ދަންނަވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދްދީދީ ސިފައިންނާއި މުހާތަބްކުރައްވައި ވިދާޅުވީ، ކޮންމެ ފަދަ ހާލަތެއްގައި ވެސް ސިފައިންނަކީ އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ފަސްނުޖެހި ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންކަމަށާއި، ސިފައިންނަށް އޭގެ ތައުރީފް ހައްގުވެގެންވާ ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ބަލާލިއަސް އަތްސަރިބަހާ ސާބަސް ދޭންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. މާރިޔާ ވިދާޅުވީ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަމަނާ އެ ސަރަހައްދަށް ވަޑައިގަތީ އެއްވެސް ހާލެއްގައި ކޮމާންޑު ކުރަން އެނގި އެކަން ކުރާކަށް ނޫން ކަމަށާއި އެތަނަށް ވަޑައިގަތީ ވަޒީރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ގާތު މަޑުކުރަން ކަމަށެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށް ކޮމާންޑް ދޭން ނޭގުނަސް ރައްޔިތުމީގާތުގަ ހަމަގައިމުވެސްހާއެކު އެތާ ހުއްޓިލާ ހުންނާނަން. އެހުރި މަދު ވަސީލަތާއެކުގަ މި ހަނި މަގުތަކުގަ އެތަނަށް އެންމެ 6 މިނަޓް ތެރޭގަ ވަޑައިގެން ތިބޭފުޅުން އެކުރެއްވި މަސައްކަތަކީ ދުނިޔޭގެ ފެންވަރަށްވެސް ބަލާނަމަ އަތްސަރިބަހާ ސާބަސް ދޭންޖެހޭ ވަރުގެ ކަމެކޭ. ތިބޭފުޅުންގެ ކޮމާންޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައި ހުރި ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދިވެހި ސިފައިންނާއި އަދި އެންޓީއޭއެމްގެ ބޭފުޅުންނަށްވެސް ދަންނަވާނި ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. " ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް