ޓްރާންސްޕޯޓު މިނިސްޓަރު ބޭޒާރު ކޮށްލަން އުޅުމުން "ގޮވީ އަތަށް": ގާސިމް

ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައެއް ސިއްރުން ރެކޯޑުކޮށް އެކަމަނާ ބޭޒާރުކޮށްލަން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުވެ އެކަން...

02 Oct 2019 | 07:01

ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައެއް ސިއްރުން ރެކޯޑުކޮށް އެކަމަނާ ބޭޒާރުކޮށްލަން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުވެ އެކަން ކުރި މީހުންގެ އަތަށް އެކަން ގޮވާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ނަހުލާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކަމަނާގެ އަމަލު ދިފާުއު ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި އަދި އެނޫންވެސް އާންމު ބައެއް މެންބަރުން ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި ރޭ ވާހަކަ ދައްކަވަމުން މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހީމް ވަނީ ވަޒީފާ އަދާ ކުރާ ފަރާތްތަކުން ކަން ކުރައްވާ ގޮތާއި އެމީހުންގެ އަމަލުތައް ހުންނަ ގޮތާއި އަދި އެމީހުން ބޭނުންވާ ގޮތް ތަޖުރިބާއާ އެކުގައި ހިއްސާ ކުރައްވާފައެވެ.

ވެރިފަރާތުން އަބަދުވެސް ބަލާނީ ހަވާލުކުރާ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ ކަމަށާއި އެކަމެއް ރަނގަޅަށް ނުކޮށްފި ނަމަ ވެރިފަރާތުން ރުޅި އަންނަނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިފަހަރު އެކަން އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާއާ ދިމާވުމުން މުވައްޒަފުން މަސައްކަތް ކުރީ އެކަމަނާގެ އަގު ވައްޓާލަން ކަމަށެވެ.

"ނަމަވެސް ކިހިނެއްތޯ މިވީ. އަތަށް މިގޮވީ ދެއްތޯ. އެކަމަނާއަށް އިތުރު އާންމު ރައްޔިތުންގެ ލޯބި ލިބިގެން ދިޔަތަން ފެނުނީ،" ގާސިމް ވިދާޅުވިއެވެ.

"މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ. ކަންތައް ކުރެވޭ މީހުންނަށް ކަންކަން ކުރިމަތިވާނީ. ސިޔާސީ ގޮތުން ވެސް ބޮޑު ރޭހެއްގައި މިއުޅެވެނީ." ގާސިމް ވިދާޅުވިއެވެ.

މީގެކުރިންވެސް މިނިސްޓަރު ނަހުލާއަށް ތަފާތު އެކި ފޯރަމްތަކުގައި ތައުރީފު ކުރައްވާ އެކަމަނާގެ ފިރިކަލުން ގާސިމް، މިރޭ ވިދާޅުވީ އެކަމަނާ މުވައްޒަފުންނާ ދެއްކެވި ވާހަކަފުޅާ ގުޅިގެން ކިތަންމެ ފާޑުކިޔުންތަކެއް ގާސިމަށް ރައްދުވި ކަމުގައިވިއަސް އެކަން މާބޮޑު ކަންބޮޑުވުމަކަށް ނުހައްދަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް