ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކުގެ އެހީގައި ދިވެހިރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއަރުވުމަށް އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ނަޖީބް ޙާން، އަދި ގޭމްގެ ރައީސް އަޙުމަދު ކަރަމް އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ނަޖީބް ޙާން ވާހަކަފުޅުގައި އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާ ޑިޖިޓަލް ޚިދުމަތްތަކާއި އެކު އައު ހަރުފަތަކަށް ދާނެ ކަމުގައި ވިދާޅުވިއެވެ.
"ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމުގައި ބައިވެރިވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް. ވުމާއި އެކު، އަދި އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި. ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަޖެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް." އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ނަޖީބް ޙާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަޙްމަދު ކަރަމްގެ ވާހަކަފުޅުގައި އުރީދޫ އިން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
"މި ޕާޓްނަރޝިޕަކީ ވަރަށް ގިނަ އެހީތެރިކަން ދެފަރާތަށްވެސް ލިބިދެވޭ މާނަވީ އެއްބަސްވުމެއް. ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓަރސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ މި އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު. ވީމާ އެންޑް ޓު އެންޑް ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރއެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުން އެއީ، ވަރަށް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއް." ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަޙްމަދު ކަރަމް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އާއި ގޭމް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މަޤްސަދަކީ ދިވެހި ގެސްޓްހައުސް ތަކަށް ބޭނުންވާފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ފޯރުކޮށްދީގެން، ގެސްޓްހައުސް ދާއިރާ އަށް އައު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް