އެރެއަށްފަހު- ތޭރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "އޭނަ އިނގޭތަ ހަމަ ހުރިގޮތަށް ހުރީ ބަލަހައްޓައިގެން... ހިޔެއް ނުވޭ ރުޅި އައިހެންނެއް ވެސް" ޝައިލާ އަނގައިން ނުބުނުމުން ސުމާ އަނެއްކާވެސް ބުނެލިއެވެ. "ޝައި ބޭނުން ސޮރީ އޭ ބުނަން" ...

02 Oct 2019 | 04:12

ކުރީގެ އަދަދާ ގުޅޭ...

"އޭނަ އިނގޭތަ ހަމަ ހުރިގޮތަށް ހުރީ ބަލަހައްޓައިގެން... ހިޔެއް ނުވޭ ރުޅި އައިހެންނެއް ވެސް" ޝައިލާ އަނގައިން ނުބުނުމުން ސުމާ އަނެއްކާވެސް ބުނެލިއެވެ.

"ޝައި ބޭނުން ސޮރީ އޭ ބުނަން" ޝައިލާ މަޑުމަޑުން ބުނެލިއެވެ.

"އޮފްކޯސް ޔޫ ހޭވް ޓު... އެންޑް ތޭންކް ހިމް... އޭނަ ޝައި މޫދުކައިރިން ނެގީ" ސުމާ ބުނެލިއެވެ. ޝައިލާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ނޭންގި ނަމަވެސް ހިތް އެދެމުން ދިޔައީ ނަޒާން ފެންނަ ހިސާބުގައި ހުންނާށެވެ. ވާހަކަ ނުދެއްކި ނަމަވެސް އެ ހިޔަނި ފެނުނަސް ހިތް ފުރޭނެއެވެ.

"ޝައި" ޝައިލާ ހިޔާލަކަށް ގެއްލިފައި އިނުމުން ސުމާ ގޮވައިލިއެވެ.

"ހީވޭތަ ނަޒާނަކީ ރަގަޅު ކުއްޖެއްހެން؟" ޝައިލާގެ ލޮލުގައި ވަނީ އާދޭހުގެ ރާގެކެވެ. ޖަވާބަކީ "އާނ" ކަމަށް ވުމަށް އެދި ކުރެވުނު އާދޭހަކަށްވެސް ވެދާނެއެވެ.

"ޔެސް މޫނުމަތިން ހީވަނީ ހަމަ ވަރަށް ރަގަޅު ކުއްޖެއްހެން... ހީ އިޒް ކިއުޓް އެންޑް ހެންސަމް..." ހީލަމުން ސުމާ ބުނެލިއެވެ. ނޭންގި ނަމަވެސް އެއްމިޔަކަނިން ޝައިލާ އަށް ހީލެވިއްޖެ އެވެ. އެމަންޒަރު ސުމާގެ ލޮލުގައި ހަމަ ރީއްޗަށް އަޅައިގަތެވެ.

"ދެން ނިދާލާ... ނަޒާން ފެނިދާނެ ހުވަފެނުންވެސް" ޝައިލާ އާއި ޖެއްސުން ކޮށްލުމުގެ ގޮތުން ސުމާ ބުނެލިއެވެ. އަދި ބޮކި ނިއްވައިލުމަށްފަހު އެކޮޓަރިން ދާން ހިނގައިގަތެވެ.

***

ރޭގަނޑު ހަތަރުދަމު އެކި ކަންކަމާއި ވިސްނާ ފިކުރުކުރަން އޮތް ނަޒާނަށް ނިދުނީ ފަތިސްވީ ފަހުންނެވެ. މިހާރު މެންދުރު ނަމާދަށް ބަންގި ގޮވީއެވެ. ނާޒިމާ ވެސް މިހާރު އެތައް ފަހަރަކު އައިސް ގޮވައިފިއެވެ. ހެނދުނު ނަޒާން ނުހޭލުމުން، ނުހާ ކެފޭ އަށް ގެންދިޔައީ ނަހުޒާނެވެ.

ފެންނަމުން ދިޔައީ ފަޅު ގެއެކެވެ. ބައިވަރު ފިރިހެނުންތަކެއް ވަށްބުރަކަށް އެނބުރެމުންދިޔައިރު، އެތެރޭގައި ހުރީ ނިކަމެތި އަންހެން ކުއްޖެކެވެ. އާދޭސް ކުރަމުން ދިޔައީ ދޫކޮށްލުމަށެވެ. އެންމެން އެއްފަހަރާ އެ އަންހެން ކުއްޖާ އާއި ކައިރިވަމުން ދިޔަވަރަކަށް އެކުއްޖާގެ ހަޅޭކުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ރޮމުން ހޭރެމުން ސަލާމަތަށް އެދި ގޮވަމުންދިޔައިރު އެހީވާނެ ހަމަ އެކަކުވެސް ނުވިއެވެ. އެ އާދޭހަކީ އަޑުއިވޭ މީހަކު ހިތް ފަޅައިގެންދާނެފަދަ ވޭނީ އަޑަކުން ކުރަމުންދިޔަ އާދޭހެކެވެ. ހުރިހާ ފިރިހެނުން ވެގެން އަންހެން ކުއްޖާ ވަށައިގެން ފިއްތާލައިފިއެވެ. އެވަގުތު އެއަށްވުރެ ބާރަށް "ނޫން ނޫން" އޭ ކިޔައި އެކުއްޖާ ހަޅޭއްލަވައިގަތެވެ. އެވަގުތު އެންމެން ގެއްލި ދުންގަނޑެއް އަރަން ފަށައިފިއެވެ. ލޯ ހުޅުވުނު ވަގުތު މޫނު މައްޗާއި ދިމާލަށް މޫނު އަރިކޮށްގެން އެއޮތީ ޝައިލާ އެވެ.

"ނަޒާން" ވައި އަޑުން ޝައިލާ ގޮވައިލީ މަސްތީ ރާގަކުންނެވެ.

ސިއްސައިގެން ގޮސް ނަޒާނަށް ލޯ ހުޅުވައިލެވުނެވެ. އެވަގުތު ކައިރީ ހުއްޓިހުރި ނާޒިމާ ފެނުމުން ބިރުން އަނގައިން އަޑެއް ނިކުތެވެ.

"ޒާން ކިހިނެއްވީ؟ ހާދަ ފާޑަކަށް ތިއުޅެނީ؟" ނާޒިމާ އަހައިލިއެވެ. ބުނާނެ އެއްޗެއް ނޭންގިގެން ނަޒާން އަނެއްކާވެސް ބާލީހުގައި ބޯ އަޅައިލިއެވެ.

"ނަޒާން ދަރިފުޅު ރަގަޅުތަ؟ އިއްޔެ ވެސް ދަތުރުގޮސް އިނީ މާދުރުގަ އެކަނި... އެންމެން އުޅުނީމަ މަންމަ އަޅާނުލީ... ހުރިހާ ކަމެއް ރަގަޅުތަ؟" ނަޒާން ކައިރީ އެނދުގައި އިށީންނަމުން ނާޒިމާ އަހައިލިއެވެ. އެއްވެސް ކަމެއް ރަގަޅެއް ނޫނޭ މަންމަ ކައިރީ ބުނަން ވަރަށް ބޭނުންވިއެވެ. ނަމަވެސް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ހިންދިރުވައިލުމަށްފަހު އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.

"މަންމަ އަށް އިނގޭ މިގޭތެރޭގަ ދަރިފުޅާ ދޭތެރޭ ކަންތައްތައް ވަމުންދަނީ ވަރަށް ނާއިންސާފުންކަން... އެކަމާ މަންމަ ދެކެވެސް ރުޅި އައިސްފަ ދޯ ތިހުންނަނީ... ބައްޕަ ކައިރީ ރޭ ވެސް ބުނިން ނަޒާން އޮފީހަށް ގެންދާށޭ ބާކީ ނުކޮށްލާށޭ... ދިނީ އަބަދުވެސް ދޭ ޖަވާބު... ބުނީ އެހާ ޒިންމާދާރު ކަމެއް ނެތޯ ނަޒާންގެ... މަންމަ ބުނާ ބަސް އަހައިގެން އެހެން ވަޒީފާއެއް ހޯދަން އުޅެ... ކައިރި ރިސޯޓަކަށް ދިޔަޔަސް މަންމައަށް ހެޔޮ... އުމުރުން 27 އަހަރު ވަނީ ހަމަ ގޭގަ ތިހުންނަނީ... ދަރިފުޅު ވަޒީފާއަކަށް ދާން ފެށީމަ ބައްޕަ އަށްވެސް ގަބޫލުކުރެވޭނެ ދަރިފުޅަކީ ޒިންމާ އުފުލޭނެ ކުއްޖެއްކަން... ބައްޕަ އަށް އެކަން ސާބިތުކޮށްދީ..." ނަޒާންގެ އަތުގައި ހިފައިލަމުން ނާޒިމާ ބުނެލިއެވެ. ނާޒިމާ ހީކުރީ ނަޒާން އެހެން އެއުޅެނީ ގޭތެރޭ ހިނގާ ކަންތައްތަކާ ހިތްހަމަނުޖެހިގެން ކަމުގައެވެ.

މަންމަގެ އަތް ނަޒާންގެ އަތުގައި ބީހުމުން ހިތަށް ލުޔެއް ލިބުނެވެ. މަންމަ ދެއްކި ވާހަކަތައް ހިތަށް ނަގައިގަނެވުނީ ދެނެވެ. ވަގުތުން އޭނާގެ އަތް ދަމައިގަނެވުނެވެ.

"އެއްވެސް މިހަކަށް އެއްޗެއް ސާބިތުކޮށްދޭކަށް ނުޖެހޭނެ... މަންމާ އަހަރެން މިހާރު ބޭނުމެއް ނޫން އެ އޮފީހާ ވައިވެސް އެޅޭކަށް... އަހަރެން އަމިއްލައަށް އުޅޭނަން ވަޒީފާ އަށް ވެސް ދާނަން... އެކަނި އުޅެވޭވަރުވީމަ މިގެއިން ވެސް ނިކުމެގެން ދާނަން" އަކުރުތަކަށް ބާރުލާފައި ނަޒާން ބުނެލިއެވެ. އަދި އެނދުން ތެދުވެގެން ގޮސް އަވަހަށް ވަނީ ފާހާނާ އަށެވެ. ނަޒާން ލެއްޕި ދޮރާ ދިމާލަށް ބަލަން އިނދެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނާޒިމާ ދާން ހިނގައިގަތެވެ.

***

މެންދުރުފަހު ނިދާ ހޭލައިގެން ޝައިލާ ކާކޮޓަރިއަށް ދިޔައީ ވަރަށް ބަނޑުހައިވެފައި ހުރުމުންނެވެ. ޝައިލާ ދިޔައިރު ޝަހާމާ އިނީ ތައްޓަކަށް އައިސްކްރީމް އަޅައިގެން ބޯށެވެ.

"އަވަހަށް އާދޭ ކަމަނާ... ހޭލެވިއްޖެ ދޯ" ޝައިލާ ފެނުމުން ޝަހާމާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ. ތައްޓެއް ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނުމަށްފަހު ޝައިލާ ބަތް އަޅައިގެން ކާން ފެށިއެވެ. މިއަދު މެންދުރު އެގޭގައި ކާން ހުރީ ފްރައިޑް ރައިސް ހަދާފައެވެ.

"ބަލިގަނޑު ކިހިނެއް؟" ޝައިލާ އަނގައިން ވެސް ނުބުނެ ކާން އިނުމުން ޝަހާމާ އަހައިލިއެވެ. މަޑުމަޑުން ރަގަޅޭ ބުނެ އޭނާ ބެލީ އަވަހަށް ކައިގެން އެތަނުން ދެވޭތޯއެވެ. އެހެން ނޫންނަމަ ކޮންމެފަދަ ވާހަކައެއް ވެސް ފަށައިފާނެއެވެ.

"ސަމާހް އިންނަން އުޅެނީ ދޯ؟ ޖުމާ އާ... ޝައިލާ ފޯރިނަގައިލިން ދޯ އެމަންޖެއާ އިނދެގެން ނުވާނޭ ކިޔާފަވެސް... ހީވޭ ކަމެއްހެން... ލޯބިވެވިއްޖެނަމަ ދެން ނޯންނާނެ އެއްބަނޑު މީހެއް މަންމައެއް ބައްޕައެއް" ޝައިލާގެ މޫނަށް ބަލަން އިނދެ ޝަހާމާ ބުނެލިއެވެ.

"އަހަރެން ވެސް ލޯބިވީމޭ މީހަކުދެކެ... ގައުމުން ބޭރު މީހެއް ވީމަ މަންމަމެން އެއްބަސް ނުވީ... ކުރިން އެކަން... ކޮށްގެން ދަރިއަކު ވެސް މިހުރީ... ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް... ލޯބިވެވިއްޖެނަމަ މީހާގެ ދުވަސް ދިޔައީ... އެނޫން މީހެއް ނުފެންނާނެ ދެން... ލޯބީގެ އަވައިގަ ޖެހިގެން މައިންބަފައިން މަރުވީމަވެސް ނާންނަން... އެކަމަކު މިގެއަށް އައިސް ވަނީމަ ހިތައް އެރި ފަހުފަހަރު ދެކިލަން އާދެވުން ނަމައޭ..." ޝަހާމާ ފެށި ވާހަކަ ހުއްޓައިލީ ދައްކަން ފެށި ވާހަކައިގެ މިސްރާބު މާބޮޑަށް ބަދަލުވުމުންނެވެ. ލޯބީގެ ތަޖުރިބާ ކިޔައިދޭން ފެށުމުން ޝައިލާ އަޑުއަހާހިތްވެސް ވިއެވެ. ނަމަވެސް އިތުރަށް އަޑުއަހަން ބޭނުން ނުވެގެން އަވަހަށް ކައި ނިންމައިގެން އެތަނުން ނިކުތީ އެވެ. ހަޔާތަށް ފިރިހެނަކު ނުގެންނާނެ ކަމަށް ކަނޑައެޅި އަޒުމް މުގުރިދާނެއެވެ. އޭނާގެ ހަޔާތުގައި ނުފިލާވަރުގެ ބޮޑު ލައްގަނޑެއް ޖެއްސީ ފިރިހެނުން ތަކެކެވެ. އެރެއަށްފަހު އެހަޔާތަށް ހިލޭ ފިރިހެނަކު ނުގެންނާނެކަމުގެ އަޒުމް ކަނޑައެޅިތާ ފަސް އަހަރުވެގެން ދަނީ އެވެ.

ނަމަވެސް އެ އަޒުމް ގުޑާހެން ހީވަން ފަށައިފިއެވެ. އެ އަޒުމް ގުޑުވައިލީ އޭނާގެ ބަލިކަށި ހިތެވެ. ހިތް މިހާރު ވެސް އެދެމުން އެދަނީ ހިލޭ ފިރިހެނެއް ދުށުމަށް އެދިއެވެ. އެ ސޫރަ ދެކިލުމަށް އެދި އޮބިނޯންނަ ވަރަށް ގޮވަނީ އެވެ. ވާން އުޅޭ ގޮތެއް އަދި ވަމުން ދާ ގޮތެއް ވެސް ނޭންގެއެވެ.

***

އެތައް ޒަމާނެއްކޮށްފައި ނަޒާން އެގޭތެރެއިން ފެނުމުން ޖައިލަމް ހުރީ ހައިރާންވެފައެވެ. ކުޑައިރު އެކީ ކުޅެން އުޅުނު ނަމަވެސް، ނަޒާންގެ އުޅުން މިސްރާބުން ކައްސައިލި ހިސާބުން އެގުޅުން ވެސް ކެނޑުނީއެވެ. ނަމަވެސް ނަޒާން އެ އުޅުން ދޫކޮށްލިފަހުން ވާހަކަދެއްކޭތޯ ޖައިލަމް ވަރަށް މަސައްކަތް ކުރިއެވެ.

"ޒާން... އިށީންދެބަލަ... އަންނާނަން މަންމަ ގޮވައިގެން" ނަޒާން ފެނުމުން ޖައިލަމް އަވަސްވެގަތީ މަންމަ އަށް ގޮވުމަށެވެ. އެވަގުތު ގޭގެ ފެންޑާގައި އެދެމީހުން ފިޔަވައި އިތުރު މީހަކު ފެންނާކަށް ނެތެވެ.

"ނޫން... ކަމަކު މިއައީ" ޖައިލަމްގެ ކޮނޑުގައި ހިފަހައްޓައިލަމުން ނަޒާން ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން ނަޒާންގެ މޫނަށް ޖައިލަމް ބަލައިލިއެވެ.

ނަޒާން އެގެއިން ނިކުމެގެން ދިޔައީ ހިތްހަމަޖެހިގެންނެވެ. ކުރަން އައި ކަންތައް އެހާ ފަސޭހައިން ވުމުން ވަރަށް އުފާވެއްޖެއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް