ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ގްރޫޕް ސީ ގައި ރޭ މެންޗެސްޓާ ސިޓީ ނުކުތީ ޑައިނަމޯ އާ ދެކޮޅަށެވެ.
ފުރަތަމަ މެޗުގައި އެޓަލަންޓާ އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވި ކްރޮއޭޝިއާގެ ޗެމްޕިއަން ޑައިނަމޯ އިން ވަނީ ރޭގެ މެޗުގައި ސިޓީން ލަނޑެއް ޖެހިޔަ ނުދީ ދެ ވަނަ ހާފުގެ މެދަކާ ހަމައަށް ވެސް ހިފަހައްޓާފައެވެ.
ސިޓީއަށް ގޯލު ހުޅުވާލަދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަހީމް ސްޓާލިން އެވެ. މެޗުގެ 66 ވަނަ މިނިޓުގައި ރިޔާދު މާރޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ސްޓާލިން ގޯލަށް ވައްދާލީ އެއްބުރުން ޖަހައެވެ.
މެޗުގެ އިތުރު ވަގުތުގައި ސްޓާލިން ގެ އެސިސްޓަކާއެކު ފިލް ފޯޑަން ޖެހި ލަނޑާއެކު ސިޓީއަށް 3 ޕޮއިންޓް ކަށަވަރުވިއެވެ. ރޭގެ މޮޅާއެކު ސިޓީ ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ކުޅުނު 2 މެޗުން ވެސް މޮޅުވެގެންނެވެ. ދެ ވަނައިގައި އޮތް ޑައިނަމޯ އާއި ޝަހްތަރު ޑޮނެޓްސްއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ޝަހުތަރު ވަނީ ރޭ އެޓަލަންޓާ އަތުން މޮޅުވެފައެވެ.
ގްރޫޕް ބީ ގައި ރޭ ޔުވެންޓަސް އާއި ބަޔާ ލެވަކޫސަން ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި އެންމެ ވިދާލީ އާޖެންޓީނާގެ ގޮންޒަލޯ ހިގުއައިން އެވެ. މެޗުގެ 17 ވަނަ މިނިޓުގައި ޖެހި މޮޅު ލަނޑަކާއެކު ޔުވެންޓަސްއަށް އޭނާ ގޯލު ހުޅުވާލަ ދިންއިރު، ދެ ވަނަ ހާފުގައި ޔުވެންޓަސްއިން ލީޑު ފުޅާކުރީ ވެސް ހިގުއައިން ގެ އެހީތެރިކަމާއެކުގައެވެ. ފެޑެރިކޯ ބާނާޑެސްޗީ ދެ ވަނަ ލަނޑު ޖެހީ ހިގުއައިން ދިން މޮޅު ޕާހަކުންނެވެ.
މެޗުގެ ފަހުކޮޅު ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި، ޔުވެންޓަސްއަށް ފަސޭހަ މޮޅެއް ކަށަވަރުކޮށްދީފައެވެ.
މި މޮޅާއެކު ޔުވެންޓަސް ގްރޫޕް ޑީ ގެ 1 ވަނައިގައި އޮތީ ކުޅުނު 2 މެޗުން ލިބުނު 4 ޕޮއިންޓާއެކުގައެވެ. ރޭ ރޭ ލޮކޮމޮޓިވް މޮސްކޯ އަތުން 2-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑަށް ވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. 3 ވަނައިގައި 3 ޕޮއިންޓާއެކު ލޮކޮމިޓިވް އޮތްއިރު، ތާވަލުގެ ފުލުގައި އޮތް ބަޔާ ލެވަކޫސަންއަށް ޕޮއިންޓެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް