ބަޔާންއިން ޓޮޓެންހަމްގެ ދަނޑުގައި އެ ޓީމު ރަނގަޅަށް ލަދުގަންނަވާލައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން 7-2 ބޮޑު ތަފާތަކުން މޮޅުވެ، ބަޔާން މިޔުނިކުން ޓޮޓެންހަމް ރަނގަޅަށް ލަދުގަންނަވާލައިފިއެވެ. ޓޮޓެންހަމްއާ އެންމެ ވާދަވެރި އާސެނ...

02 Oct 2019 | 02:28

ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން 7-2 ބޮޑު ތަފާތަކުން މޮޅުވެ، ބަޔާން މިޔުނިކުން ޓޮޓެންހަމް ރަނގަޅަށް ލަދުގަންނަވާލައިފިއެވެ.

ޓޮޓެންހަމްއާ އެންމެ ވާދަވެރި އާސެނަލްއަށް ކުރިން ކުޅުނު ޖަރުމަނުގެ ފޯވާޑް ސާޖް ގަނަބްރީ ރޭގެ މެޗުގައި 4 ލަނޑު ޖެހިއިރު، ރޭގެ ބައްޔާއެކު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ވަނީ މަގާމް ގެއްލުމުގެ ބިރު ބޮޑުވެފައެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ޓޮޓެންހަމްއަށް މި ސީޒަންގައި އިނގިރޭސި ލީގުގައި ވެސް އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ޓޮޓެންހަމްއިންނެވެ. އެ ޓީމުން މެޗުގެ ކުރީކޮޅުގައި ލީޑު ވެސް ނެގިއެވެ. އެހެނަސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ޓޮޓެންހަމްއަށް ބަޔާންއިން ވަނީ ދެ ވަނަ ހާފުގައި ވަރުގަދަ ފިލާވަޅެއް ނަގައިދީފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޓޮޓެންހަމްއަށް ބޮޑު ހިތްދަތިކަމެއް ދީފައެވެ.

ވަރުގަދަކޮށް ފަށައި، ބަޔާންއަށް ނުރައްކާކުރަމުން އައި ޓޮޓެންހަމް އިން ވަނީ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާފައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސޮން އެވެ. އެހެނަސް، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯޝުއާ ކިމިޗް އާއި ރޮބާޓް ލެވަންޑޯސްކީ ޖެހި ލަނޑުތަކާއެކު ބަޔާންއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފެށުމާއެކު ޓޮޓެންހަމްގެ ފަހަތް ފެނުނީ ފޫގޮސްފައިވާ ބާ ގޯންޏެއް ފަދައިންނެވެ. ދެ މިނިޓުގެ ތެރޭގައި ގަނަބްރީ 2 ލަނޑު ޖެހިއިރު، ހަރީ ކޭން ޕެނަލްޓީއަކުން ޖެހި ލަނޑަކީ ޓޮޓެންހަމްއަށް އެއްވެސް އެއްޗަކަށް ނުވިއެވެ.

ލެވަންޑޯސްކީ އިތުރު ލަނޑެއް ޖެހިއިރު، އޭނާގެ ލަނޑުގެ ކުރިންނާއި ފަހުން ވެސް ގަނަބްރީ ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ.

މިއީ ތާރީޚްގައި ވެސް ޔޫރަޕްގެ މުބާރާތެއްގައި އިނގިރޭސި ޓީމެއް އަމިއްލަ ދަނޑުގައި ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އަނެއްކޮޅުން މިއީ 1996 ގެ ފަހުން ޓޮޓެންހަމް ކޮޅަށް 7 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް