މިއީ އިއްޔެ އިންޑޮނޭޝިޔާގައި ހިނގި ކަމެކެވެ. އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު، އޭނާގެ ދޮން ބައްޕަގެ ޝިކާރައަކަށް ވެފައިވަނިކޮށް އެ ޝިކާރައިން ސަލާމަތްވި ގޮތުގެ ވާހަކައެވެ.
އިންޑޮނޭޝިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 11 އަހަރުގެ އެ އަންހެން ކުއްޖާ ސްކޫލަށް ދާން ތައްޔާރުވެގެން އެރީ ދޮން ބައްޕަގެ ސައިކަލު ފަހަތަށެވެ. ނަމަވެސް ސްކޫލު ފަހަނަ އަޅާ ދޮންބައްޕަ ސައިކަލުގައި ދާން ފެށުމުން ސްކޫލު ދޮރުމަތިން އެ އަންހެން ކުއްޖާ ދޮން ބައްޕަގެ ސައިކަލު މަތިން ފުންމާލިއެވެ. އަދި ދުވެފައި ގޮސް ސްކޫލަށް ވަދެ ދޮން ބައްޕަގެ ނުބައި ނުލަފާކަން ފަޅާއަރުވާލިއެވެ.
ގިނަ ދުވަސް ދުވަހު ސްކޫލަށް ގެންދިއުމުގެ ބަދަލުގައި ދޮން ބައްޕަ އެ އަންހެން ކުއްޖާ ގެންދަނީ ގެސްޓްހައުސްއަކަށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެކަން އެ އަންހެން ކުއްޖާގެ މަންމަ ގާތު އެ ކުއްޖާ ބުނުމުން، ފިރިމީހާ ގެއްލިދާނެތީ އެކުއްޖާގެ މަންމަ އެކަމާ އަޅާނުލީ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އިންޑޮނޭޝިޔާ ފުލުހުން މިހާރު ވަނީ އެ އަންހެން ކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ހައްޔަރުކޮށްފައެވެ.
ޖިންސީ އަނިޔާ، ޖިންސީ ގޯނާ އާއިލާގެ މީހެއްގެ ކިބައިންވިޔަސް އަދި ދުރު މީހެއްގެ ކިބައިން ވިޔަސް ލިބެމުން އަންނަ ނަމަ އެކަން ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް އަންގަން ވާނެއެވެ. ރާއްޖޭގައި ނަމަ ފުލުހުންގެ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ރިޕޯޓް ކުރެވިދާނެއެވެ. ގުޅޭނެ ނަމްބަރަކީ 9792111 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް