ހުޅުމާލޭގައި ހަދާ، އުރީދޫގެ އައު ހެޑް އޮފީހުގެ ބިންގާ މިއަދު އަޅައިފި އެވެ.
މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އިމާރާތް އަޅާ ސަރަހައްދުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުރީދޫގެ ސީއޯއޯ ނަޖީބު ޚާން އާއި އުރީދޫގެ ކުރީގެ ސީއީއޯ ވިކްރަމް ސިންހަ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ހުޅުމާލެއަކީ ތަރައްޤީއަށް ބަދަލުތަކެއް ގެންނާނެ ސިޓީއެއް ކަމަށެވެ. އަދި ހުޅުމާލޭގައި އުރީދޫއިން ހަދާ ހެޑް އޮފީހަކީ ހަމަ އެކަނި އޮފީހެއް ނޫން ކަމަށެވެ. އެތަން ވެގެންދާނީ އުރީދޫގެ މުވައްޒަފުން އެތަނަށް އައިސް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރާނޭ ތަނަކަށް ކަމުގައި އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.
ނަޖީބު ޚާން އިތުރަށް ވިދާޅުވީ އަލަށް ހަދާ އެ އިމާރާތުގައި އުރީދޫގެ މުވައްޒަފުންނަށް ރެކްރިއޭޝަނަށް ހާއްސަ ތަނަކާއި މުވައްޒަފުންގެ ތެރެއިން ދަރިން ގެންގުޅޭ މުވައްޒަފުންގެ ދަރިން ބަލާނޭ ޑޭކެއަރ ސެންޓަރެއްވެސް ހުންނާނެ ކަމަށެވެ.
އުރީދޫއިން ހާމަކުރާގޮތުގައި އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގަ އެވެ. އެ އޮފީސް 12 މަހާއި 18 މަހާއި ދެމެދުގެ މުއްދަތެއްގައި އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމުގައިވެސް އުރީދޫއިން ބުނެ އެވެ. މީގެ އިތުރުން އުރީދޫގެ ހެޑް އޮފީސް ހަދަން ހަމަޖެހިފައި ވަނި ބިއްލޫރި އަދި ސްޓީލް ބޭނުންކޮށްގެން 10 ބުރިއާއި 12 ބުރިއާ ދެމެދުގެ އުސްމިނަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް