ހިތް އެދޭވަރުން... 21 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.. މެންދުރުގެ ވަގުތެވެ. ނޫރާ އާއި ޒީޝާން ތިބީ ގޭގެ ގޯތިތެރޭގައި ހުރި އަނބުގަސް ދޮށުގައެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ކުޅިރިހާކުރު ތައްޓަކާއި ކޮށާއިފައި ހުރި ހުތްއަނބުތައްޓެއ...

02 Oct 2017 | 05:16

ކުރީގެ އަދަދާއި ގުޅޭ..

މެންދުރުގެ ވަގުތެވެ. ނޫރާ އާއި ޒީޝާން ތިބީ ގޭގެ ގޯތިތެރޭގައި ހުރި އަނބުގަސް ދޮށުގައެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ކުޅިރިހާކުރު ތައްޓަކާއި ކޮށާއިފައި ހުރި ހުތްއަނބުތައްޓެއް ހުއްޓެވެ. ދެމީހުންވެސް ޗޫސްދަމަދަމާފައި އަނބާއި ރިހާކުރު ޖައްސައިގެން ކަމުން ދިޔައެވެ.

ކުއްލިއަކަށް މޭޒުމަތީގައި އޮތް ޒީޝާންގެ ފޯނު ރިންގުވާން ފަށައިފިއެވެ. ޒީޝާން މޭޒާއި ގާތަށް ޖެހިލާފައި ފޯނަށް ބަލާލިއެވެ. އެއީ ޝާހިލްގެ ފޯނެކެވެ. ޔަޤީނެވެ. ޝާހިލް އެގުޅަނީ އޭނާކުރި ސުވާލުގެ ޖަވާބު ހޯދުމަށްށެވެ. ނަމަވެސް އަދި އޭނާ ޝާހިލަށް ދޭނެ ޖަވާބަކާއި މެދު ވަކި ގޮތެއް ނުނިއްމައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟  އާއެކޭ ނުވަތަ ނޫނެކޭ ބުނަށްވީ ހެއްޔެވެ؟ އޭނާ ފޯނަށް ބަލާލާފައި ނޫރާގެ މޫނަށް ބަލާލިއެވެ.

''ކާކުގެ ފޯނެއް؟'' ނޫރާ އަހާލިއެވެ. ''ރައްޓެއްސެއް. އެކަމަކު މިގަޑީގަ ކިހިނެއް ވާހަކަދައްކާނީ. އެހެންވެ ނުނެގީ.'' ޒީޝާން ޤަސްދުގައި ދޮގެއް ހަދާލިއެވެ. ''އެކަމަކު ހާދަ ހީނުވެއޭ ރައްޓެއްސެއްހެން. އަނެއްކާ މާޙާއްޞަ ރައްޓެއްސެއްތަ؟'' ނޫރާ ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ.

''ވެދާނެ ތިހެންވެސް.'' ޒީޝާން މާނޫން ގޮތަކަށް ހިނިތުންވެލަމުން ބުއްޏެވެ. ''އަނެއްކާ އެނަސީބުވެރިޔަކީ ކާކުތަ؟'' ނޫރާ އަހާލިއެވެ. ''ދެން ކޮންމެވެސް މީހެއް.'' ޒީޝާންގެ މޫނުމައްޗަށް ވެރިވީ ގޮތްނޭނގޭ ހިނިތުންވުމެކެވެ. ދެމީހުން ވާހަކައިގާ ތިއްބާ އަނެއްކާވެސް ޒީޝާންގެ ފޯނު ރިންގުވާން ފަށައިފިއެވެ.

''އަޅެ ދެން ނަގާފަ ބިޒީއޭވެސް ބުނީމައެއްނު ތިމީހަކު ނުގުޅާނީ'' ނޫރާ ޚިޔާލެއް ދިނެވެ. ''އޭރުންވާނީ ދޮގެއް ހެދިކަމަށްނު. އަހަރެންގެ ހިތެއް ނޭދެއޭ އޭނާއަށް ދޮގު ހަދާކަށް.'' ޒީޝާނު ފޯނަށް ބަލަން އިދެ ބުއްޏެވެ. ''ދެން އޯކޭއޭ ކަނބުލޯ.އަހަރެން މިތަނުން ހިނގައިދާނަމޭ. ހެޔޮނުވާނެ. ތިފޯނަށް ޖަވާބުދީބަލަ. މިހާރު އެފަކީރު އުޅޭނެ ފޯނު ނުނަގައިގެން ހިތް ހަލާކުވެ.'' ނޫރާ ހެމުންހެމުން ހިނގައިގަތެވެ. ޒީޝާނުވެސް ހިނިތުންވެލަމުން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

''ކޮބާ ޖަވާބު.'' އެކޮޅުން ވާހަކަދައްކަނީ ޝާހިލެވެ. އޭނާގެ އަޑުގައި އެކުލެވިގެންވަނީ ކެތްމަދުވެފައިވާކަމުގެ އަސަރެވެ.

''ޖަވާބޭތޯ؟'' ޒީޝާން ސިހިފައި ބުނެލިއެވެ. ''މިހާރު އަހަރެން ކުރި ސުވާލުމަތިން ހަނދާންވެސް ނައްތާލީދޯ.'' ޝާހިލް ދެރަވެފައި އަހާލިއެވެ. ''ނޫނޭ. ހަނދާން އެބަހުރި. އިރާދަކުރެއްވިއްޔާ މިއަދު އިރުއޮއްސުމުގެ ކުރިން ޖަވާބެއް ދޭނަށް.'' ޒީޝާނުގެ އަޑުގައި މަޑުމަޑު ތުރުތުރެއް އެކުލެވިގެންވެއެވެ. ''ޒީ. ޕުލީޒް. އަހަންނަށް ތިހެން ނުހަދާބަލަ. އަހަރެން ޒީދެކެ ވަރަށް ބޮޑަށް ލޯބިވޭ. އުއްމީދުކުރަން ޒީ އަހަރެން އެދޭފަދަ ޖަވާބެއް ދޭނެކަމަށް.'' ޝާހިލް އާދޭސް ކުރާފަދަ ރާގަކަށް ބުއްޏެވެ. ''ތިކަމާއި އެބަވިސްނަށް. ދެން މިވަގުތު ބާއްވަނީ.'' ޒީޝާން އަވަސް އަވަހަށް ފޯނުކަނޑާލިއެވެ.

އަހަރެން ހަނދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ޝާހިލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންގެ ހިތްވެސް ޝާހިލަށް ނުހަނު އެދެޔޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ޝާހިލްގެ ކޮންމެ އަދާއެއްވެސް ވަރަށް ކަމުދެއޭ ބުނާނީ ކޮން ޢިބާރާތަކުން ހެއްޔެވެ؟ އިސްޤީ ލޯތްބަކީ ކިހާވަރެއްގެ ޖަޒުބާތެއް އޭގައި އެކުލެވިގެންވާ އެއްޗެއް ކަމެއްވެސް އަހަންނަށް އެގިފައެއް ނުވެއެވެ. ވާހަކަތަކުން އަހަރެން ކިޔާގޮތުގައި މީހުން ލޯތްބަށްޓަކައި ފުރާނައިން ވެސް ޤުރުބާން ވެއެވެ. ނަމަވެސް................................................................

އެންމެފަހުން ޒީޝާން ގޮތެއް ނިއްމިއެވެ.ޝާހިލް ދެކެ ޚުދުއޭނާވެސް ލޯބިވާވާހަކަ ބުނުމެވެ.ދެފިކުރުމަތީގައި ހުރެގެން ގޮސް އޭނާގެއަށް ވަނެވެ.އޭރު ޝާހިދާ ސިޓިންރޫމުގައި އިނެވެ.

''ޒީ. ދޭބަލަ ޝާހިލް ކޮޓަރީގައި ހުރި ދާއެއްޗެހިތައް ހިފައިގެން އަންނަށް. ޝާހިދައްތަ އެއެއްޗެހިތައް މަތިން ހަނދާންވީ އެއްޗެހި ދޮވެ ނިމުނު ފަހުން.'' ޝާހިދާ ބުނެލިއެވެ. ޒީޝާނު މަޑުމަޑުން ގޮސް ޝާހިލްގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ.

ދެތިން ފަހަރަކު ޓަކިޖަހާލުމުން ވެސް އެތެރޭން ޚަބަރެއް ދަބަރެއްވެސް ނުވުމުން އޭނާ މަޑުމަޑުން ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ވަރަށް ފަސޭހަކަމާއި އެކު ދޮރުހުޅުވިއްޖެއެވެ. ޒީޝާން މަޑުމަޑުން ކޮޓަރީގެ ތެރެއަށް ވަނެވެ.އޭރު ޝާހިލް މޭޒުދޮށުގައި ލެޕުޓޮޕުހުޅުވައިގެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. ޝާހިލަށް އެއްލިކަޅިއަކުން އަލަމާރި ކައިރީގައި ހުރި ޒީޝާން ފެނުމުން ހައިރާންވާގޮތް ވިއެވެ. އެއީ ހަމަ ދާދި ދެންމެއަކު އޭނާއާއި ފޯނުން ވާހަކަދެއްކި ޒީޝާން ބާއޭ ހިތަށް އެރުމާއެކު އެއްޗެކޭ ނުބުނެ މަޑަކުން އޭނާއަކަށް ނީދެވުނެވެ.

''ކީއްވެތަ މީހުންގެ ކޮޓަރިއަށް ވަގަށް ތިވަންނަނީ. ''ޝާހިލް ހިނިތުން ވެލަމުން ބުއްޏެވެ. ''ސޮރީ.......ޓަކިޖެހިން. އެކަމަކު އެތެރޭން ޚަބަރެއް ނުވީމަ ވަނީ.'' ޒީޝާން ހުރީ އަލާމާރި ހުޅުވައިގެން ދާއެއްޗެހިތައް ނަގާށެވެ. ''ޓަކިޖެހީމަ އެތެރޭން ޚަބަރެއް ނުވީމަ އޭގެމާނައަކީ އެތަނަކަށް ނުވަންނާށޭއެއް ނޫންތަ؟'' ޝާހިލް ބޭނުންވީ ޒީޝާން ބުނާއެއްޗެއް ބަލާލާށެވެ.

''ޝާހިލް ތިބުނުއްވީ ރަނގަޅު ވާހަކައެއް. އެކަމަކު މިއީކީ ކޮންމެ ތަނެއް ނޫންނެއް ނޫންތޯ. މިތަނުގަ އުޅެނީ އަހަރެން ވަރަށް އިތުބާރުކުރާމީހެއް. އެހެން ވީމަ މިވަނީވެސް.''ޒީޝާން މަޑުމަޑުން ބުއްޏެވެ. ''އަހަރެންމީ ހަމަ އެހާ އިތުބާރުކުރާމީހެއްތަ؟ ދެން ކީއްވެތަ އަޅެ އަހަންނަށް ތިހިތުން ޖާގައެއް ނުދޭން ތިއުޅެނީ.................'' ޝާހިލް ތެދުވެގެން އައިސް ޒީޝާންގެ ގާތަށް ހުއްޓެމުން ބުއްޏެވެ. ''ކަމެއް ނުވޭ.'' ޒީޝާން ހުރީ ޝާހިލް އެހާގާތުގައި ހުރުމުގެ ސަބަބުން ހާސްވާގޮތް ވެފައެވެ.

ޝާހިލް ހުރީ ޒީޝާނާއި ދާދި ގާތުގައެވެ. ޝާހިލްގެ ގައިން ދުވަމުން ދިޔަ މަޑުމަޑު ސެންޓުގެ ވަހުން ޒީޝާނުގެ ސިކުނޑި ދިޔައީ އެއްވަސްވަމުންނެވެ. އަލަމާރި ތެރޭގައި ހުރި އެއްޗެހިތައް އެއްކޮށްލައިގެން އެބުރިލީ އިރު ޒީޝާނަށް ހުރެވުނީ ޝާހިލް ހުރިތަނުގެ ގޮތުން ހައްޔަރުވެފައެވެ. އޭނާ ކުރިއަށް އެންމެ ފިޔަވަޅެއް އެޅި ނަމަވެސް ޝާހިލް ގައިގައި ނުޖެހިއެއް ނުދެވޭނެއެވެ. ވުމާއެކު އޭނާ އަލަމާރީގައި ލެގިލުމަށް ފަހު ޝާހިލަށް ބަލާލިއެވެ.

''ކިހިނެއްވީ؟'' ޒީޝާނު ބަލާލި އެގޮތުން ޝާހިލަށް އޭނާ ބޭނުންވަނީ ކޮންކަމެއް ކަން އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދާލާފައި އަހާލިއެވެ. ''ޝާހިދައްތަ އުޅޭނެ މިހާރު ލަސްވެގެން.'' ޒީޝާން އަޅައަޅައި ގަންނަ ކަހަލަ ގޮތަކަށް ބުއްޏެވެ. ''ދެން އަހަރެން ކިހިނެއް ހަދައިދޭންވީ. ''ޝާހިލް ލާނެއް ވައްތަރަކަށް ހިނިތުން ވެލަމުން ބުއްޏެވެ. ''އަހަރެން ދާނެ ތަން........................................''

''ކީއްތަވާނީ ޒީ އަހަރެން ބުނާ ކަމެއްވެސް ކޮށްދީފަ ދިޔައްޔާ. ގައިމުވެސް ތިއްތަ ޒީއާއި ދިމާއަށް ހަޅޭލަވައެއް ނުގަންނާނެ.'' ޝާހިލް ޒީޝާނުގެ ވާހަކަ މެދު ކަނޑާލަމުން އަވަސް އަވަހަށް ބުއްޏެވެ. ''ކޮންކަމެއްތޯ ކޮށްދޭންވީ. ''ޒީޝާން އަވަސް އަވަހަށް އަހާލިއެވެ. ''ތިއެއްޗެހިތައް މިތާ އެނދުމަތީގަ ބަހައްޓަ ބަލަ. އޭރުންނު ކަމަކު ކިޔޭނީވެސް.'' ޝާހިލް އެދުނެވެ. ޒީޝާނު ބަސްއަހާ ކުޑަކުއްޖަކު ފަދައިން އެއްޗެހިތައް އެނދުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އޭނާ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް ޝާހިލަށް ބަލާލިއެވެ.

''ދެން ބުނެބަލަ. ކޮބާ އަހަރެންގެ ޖަވާބު. ޒީބުނީމެއްނު މިއަދު ކޮންމެވެސް ޖަވާބެއް ދޭނަމޭ.'' ޝާހިލް ޒީޝާނާއި ގާތަށް ޖެހިލަމުން އަހާލިއެވެ. ''އަދި ޖަވާބު ނުލިބިގެން ލަސްވެގެން އުޅޭކަށް ނުޖެހެއެއް ނޫންތޯ؟'' ޒީޝާންގެ އަޑުގައި މަޑުމަޑު ތުރުތުރެއް އެކުލެވިގެން ވެއެވެ. ''ޒީ. އަހަންނަށް މިހާރު ވަރަށް އިންތިޒާރު ކުރެވިއްޖެ. އަހަރެންގެ ހިތް އަހަންނަށް މަޖުބޫރުކުރަނީ ޒީގެ ޖަވާބެއް ހޯދުމަށް. ލޯބިވިޔަސް ނުވިޔަސް އަދި ޒީއަށް އަހަރެން ކަމުދިޔަސް ނުދިޔަސް ބުނީމަތާ އިނގޭނީ ދެން އިންތިޒާރު ނުކުރަންވެސް. އަހަންނަށް ހީވަނީ ޒީ އަހަރެން ދެކެ ލޯބި...........................................''

''އަހަރެންނަށް ޝާހިލް ވަރަށް ކަމުދެއޭ. އަހަރެންގެ ހިތްވެސް ޝާހިލަށް އެދެއޭ. ހަޤީޤަތުގަ އަހަރެން ވެސް ޝާހިލް ދެކެ.......ވަރަށް........ލޯބިވޭ.''ޒީޝާނަށް ރޮވޭގޮތްވިއެވެ.

''ހަމަ ރަނގަޅަށްތަ ޒީ.އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ''ޝާހިލަށް ބޭއިޚްތިޔާރުގައި ޒީޝާންގައިގާ އޮޅުލައިގަނެވުނެވެ.ޒީޝާނަށް ޝާހިލްގެ އެއަދާ ވަރަށް ކަމުދިޔައެވެ.

އިއްޔެއަކާއި ޖެހެންދެން ނުހަނު ބީރައްޓެހިކަމާއި އެކު އުޅެމުން ދިޔަ ދެޒުވާނުން މިއަދުވަނީ އެކަތަގަނޑަކަށް ވެނިމިފައެވެ.ދެމީހުންވެސް ވަނީ އެކަކަށް ޓަކައި އަނެކަކު ހުރިކަން ޤަބޫލުކޮށްފައެވެ.ލޯބީގައި މުޅިން އާސަފުޚާއެއް ލިޔެވެން ފަށައިފިއެވެ.ޒީޝާނާއި ޝާހިލްގެ ލޯބީގެ ނަމުންނެވެ. މުޅިން ސިއްރުވެރި މާހައުލެއްގައެވެ. ފެންނަފެނުމަށް ދެއެކުވެރިންގެ ގޮތުގައި ނަމަވެސް އެއީ ލޯތްބަށްޓަކައި މަރުދެމުންދާ ދެޒުވާނުންނެވެ.

މިހާރު އަބަދުވެސް ޒީޝާން ހުންނަނީ އުފަލުންނެވެ.ޝާހިލްވެސް އޭނާއަށް ވަރަށް ރަނގަޅެވެ.އަޅާލާ ލޯތްބާއެކު ކަންތައްތައް ކޮށްދީ ހަދައެވެ.ޑިއުޓީ ނިމިގެން ދެމީހުންވެސް ގެއަށް އަންނަނީ އެކުއެކީގައެވެ. ޒީޝާނަށްވެސް މިހާރު ޝާހިލްއާއި އެކު އަންނަށް ޖެހުމުން ބޮޑުކަމަށް ނުވެއެވެ. ކުރިން ދައްކާކަހަލަ ބަހަނާތައް މިހާރު ދެއްކުން ވަނީ މުޅިންވެސް ހުއްޓާލާފައެވެ.

ޒީޝާނަށް އަންނަމުން ދިޔަ ބަދަލު އެންމެ ފާހަގަކުރެވުނީ އޭނާގެ އެންމެ ގާތް ދެއެކުވެރިން ކަމުގައިވާ ނީލާއާއި ދިމްނާއަށެވެ. ކުރިން ހުންނަ ސީރިޔަސް ގޮތްގަޑުކެޑި މަޖާކޮށް އުޅޭތީ ދެމީހުންވެސް ތިބެނީ ހައިރާންވެ އަންތަރީސް ވެފައެވެ. ތަކުރާރުކޮށް އެމީހުން ޒީއަށް އައި ބަދަލާއި ބެހޭގޮތުން ސުވާލުވެސް ކޮށްފިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޒީޝާން ދޭޖަވާބަކީ އަބަދު ސީރިއަސްވެގެން އުޅޭކަށް ނުވާނެ ކަމުގައެވެ.

އެންމެފަހުން އެއްދުވަހަކު ނީލާއާއި ދިމްނާ އާއި ދެމީހުން އަރާރުންވެގަތުމުން ތިމަންނަވެސް ކަލޭމެން ފަދައިން ކުއްޖަކު ދެކެލޯބި ވެއްޖައީމޭ ބުނެ ޖަވާބުދިނެވެ. އެއަޑު އިވުމުން ދިމްނާ އާއި ނީލާވެސް އެނަސީބުވެރިޔަކީ ކާކުތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފަހުން ބުނާނަމޭ ބުނެ އެވާހަކަ އޮއްބާލިއެވެ.

********** ނުނިމޭ **********

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް