އޮންލައިން ބުކިންއަށް ތަރުހީބު ބޮޑުވުމުން އަންނަ މަހުން ފެށިގެން ބްރާންޗްތަކުން ޑޮލަރު ބުކިން ނުހަދާނެ: ބީއެމްއެލް

އަންނަ މަހުން ( 01 ނޮވެމްބަރު 2017) އިން ފެށިގެން ބީއެމްއެލް ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ. ބީއެމްއެލްއިން ބުނީ ރާއްޖެއިން ބ...

02 Oct 2017 | 05:08

އަންނަ މަހުން ( 01 ނޮވެމްބަރު 2017) އިން ފެށިގެން ބީއެމްއެލް ބްރާންޗްތަކުން ޑޮލަރު ބުކިން ހެދުން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ޔޫއެސް ޑޮލަރު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮންލައިންކޮށް ޑޮލަރު ބުކްކުރެވޭނެ ނިޒާމެއް ވަނީ ތަޢާރަފްކޮށްފައި ކަމަށެވެ.  މި ސިސްޓަމް ތަޢާރަފްކުރުމާއެކު ދަތުރުވެރިން ޑޮލަރު ގަތުމަށް ބޭންކުގެ ބްރާންޗްތަކުގައި ކިޔޫގައި މަޑުކުރަން ނުޖެހި، ފުރުމުގެ ކުރިން އެއަރޕޯޓުން ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔުންވީ މި ނިޒާމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑުވި ސަބަބަކަށް ކަމަށެވެ.

"އޮންލައިން ބުކިންގ ސިސްޓަމްގެ ކާމިޔާބާއެކު ބީއެމްއެލް އިން 1 ނޮވެމްބަރު 2017 އިން ފެށިގެން ބްރާންޗްތަކުން ޑޮލަރު ބުކިންގ ހެދުން ހުއްޓާލުމަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް އޮންލައިންކޮށް ބުކިންގ ހެދުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ބްރާންޗްތަކުން ޑޮލަރު ބުކިންގ އަދިވެސް ހަދައިދެމުން ދާނެއެވެ." ބީއެމްއެލްއިން ބުނެފައި ވެ އެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ ހަނިމާދޫ އަދި ގަން އެއަރޕޯޓުން ފުރާ ކަސްޓަމަރުންނަށް އެއަރޕޯޓަކާ އެންމެ ކައިރި ބްރާންޗަކުން ޑޮލަރު ބުކިންގ ހެދުމުގެ ޚިދުމަތް އަދިވެސް ފޯރުކޮށްދެމުން ގެންދާނޭ ކަމަށާއި ބީއެމްއެލް އިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ތައާރަފްކުރި ޑޮލަރު ނިޒާމުގެ ދަށުން މިހާތަނަށް 63 ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް 31 މިލިއަން ޑޮލަރު ވަނީ ވިއްކާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް