ރާއްޖޭގެ ފުރަތަމަ، ދޮށީ އުމުރުގެ މީހުންގެ ސިޔާސަތު އިފްތިތާހު ކޮށްފި

ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައްކާތެރިކަމާއި ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދައި، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ދުޅަހ...

02 Oct 2017 | 04:59

ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައްކާތެރިކަމާއި ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދައި، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއްގައި ޒިންމާދާރު މެންބަރުންގެ ގޮތުގައި ފާގަތި ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވާލި ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު މިއަދު އިފުތިތާހުކޮށްފިއެވެ.

ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ސިޔާސަތު އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ޢަބްދުﷲ ޖިހާދެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދޮށީ އުމުރުގެ ބޭފުޅުންނަށް ހަޔާތުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާއަކީ، ލޮލަށް ނުފެންނަ، މަޢުނަވީ ތަރިކައެއް ކަމަށާއި، އެއީ ޤައުމުގެ އެންމެ އަގުރުހި އާސާރު ކަމަށެވެ.

މި ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާޠިބުކޮށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި، ދޮށީ އުމުރުގެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

"ކަންކަން ނިންމުމުގައި ދޮށީ އުމުރުގެ މީހުންގެ މަޝްވަރާ ހޯދުމަށާއި، އުމުރުން ދުވަސްވުމުން ވެސް އެކި ކަންކަމުގައި ހަރަކާތްތެރިވެ، ބައިވެރިވުމަށް އެމީހުންނަށް ހިތްވަރުދިނުމަށް އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށް" އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ޤައުމީ ސިޔާސަތު ބިނާކުރެވިފައިވަނީ ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާއާއި ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ "ރަންވޭލާ" ކެމްޕޭނުން ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށްކަމުގައި ވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިފުތިތާހުކުރެވުނު ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި "ޔޫ.އެން ޕްރިންސިޕަލްސް ފޯ އޯލްޑަރ ޕާސަންސް 1991" އާއި، ޑަބްލިއު.އެޗް.އޯގެ "ގްލޯބަލް ސްޓްރެޓަޖީ އެންޑް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ އެންޑް ހެލްތު  2016 – 2020" އަދި 2015 އިން 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިޢާޔަތްކޮށް އެކުލަވައިލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތު ބިނާކޮށްފައިވާ 4 ދާއިރާއަކީ 'އަޅާލުމާއި ރައްކާތެރިކަން'، 'މިނިވަންކަމާއި ބައިވެރިވުން'، 'ޞިއްޙަތާއި ދުޅަހެޔޮކަން' އަދި 'ދޮށީ އުމުރަށް ތައްޔާރުވުން'، މިއެވެ.

ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި، އެ މީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކޮށް، 1991 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް